ENGLISH
08 ޖުލައި 2025
ފުލުހުންގެ ކެއުމުގެ ކަންކަން ގަވާއިދާ ޚިލާފަށް ހަވާލުކުރި މައްސަލައެއް
14 އޭޕްރީލު 2025
|
މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމެއްގައި މެމްބަރު ނާޒިމް ވާހަކަދައްކަވަނީ (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)
މިދިޔަ ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ކެއުން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ގަވާއިދާ ޚިލާފަށް ހަވާލުކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މި މައްސަލަ ފެންމަތިވީ މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، މަޖިލީހުގެ ނައިިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކައިގަ އެވެ. ނާޒިމްގެ ވާހަކަ ފެއްޓެވީ، ދައުލަތުގެ ކޯޕަރޭޓިވް ސޮސައިޓީތައް ހިންގަމުންދާ ގޮތަށް މަޖިލީހުން މިހާރަށް ވުރެ ބޮޑަށް ފާރަވެރިވާންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވަމުން ނެވެ. މިކަން ފާހަގަކުރައްވަމުން އޭނާ ވަނީ ފުލުހުންގެ ވެލްފެއާ ކުންފުނި ކަމަށްވާ ޕޮލްކޯއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް މެމްބަރުންގެ ސަމާލުކަމަށް ގެންނަވާފަ އެވެ.
ނާޒިމްް ފާހަގަކުރެއްވީ، ފުލުހުންގެ ކެއުން ބުއިމުގެ ކަންކަން ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމެވެ.
" ދެން 2018 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ވަނީ އެކަންތައް 5 އަހަރު ދުވަހަށް ކުރިއަށްގެންދިއުމުގެ ހުއްދަ ދެއްވާފަ. އެކަން ފަސް އަހަރު ދުވަހަށް ދެއްވި ހުއްދައިގެ ދަށުން 10 އަހަރު ދުވަހަށް އެގްރިމެންޓް ކުރަން ފުލުސް އޮފިސަރަކު ލިޔުއްވާފަ އޮތް ލިޔުއްވުމެއް މިއޮތީ." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި 5 އަހަރު ދުވަހަށް ފިނޭންސުން ދިން ހުއްދައާ ޚިލާފަށް ޕޮލްކޯއިން އެ މަސައްކަތް ފުލުހުންގެ އެހެން ކުންފުންނެއް ކަމަށްވާ ޕޮލްޓެކްއާ ހަވާލުކުރީ 10 އަހަރަށް ކަމަށެވެ. އަދި އެގޮތަށް ހަވާލުކުރީ ވެރިކަން ބަދަލުވުމުން އެހެން ބަޔަކަށް އެ މަސައްކަތް އެގޮތަށް ހަވާލުނުކުރެވިދާނެތީ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"2018 ވަނަ އަހަރު ހަވާލުކުރީމާ 2023 ވަނަ އަހަރު ވެރިކަން ބަދަލުވުމުގެ ކުޑަދުވަސްކޮޅެއް ކުރިން މީގެ މުއްދަތް މި ހަމަވަނީ 5 އަހަރު ދުވަހަށް ސޮއިކުރީމަ، އެހެންމަ ޖެހިގެން އަންނަ ވެރިކަމުގައި މި އެހެން ބަޔަކަށް މި ހިނގައިދާނެތީ މިކަން މިގޮތަށް ކޯށްފަ އޮތް ކަމަށް އަޅުގަނޑު މި ގަބޫލުކުރަނީ. " ނާޒިމް ވިދާޅުވި އެވެ.
ނާާޒިމް ވިދާޅުވި ގޮތުގައި އެ މަސައްކަތް ޕޮލްޓެކްއާ ހަވާލުކުރުމަށްޓަކައި ސޮއިކުރި މުވައްޒަފާއި އެކަން ހިނގާދިޔަ ގޮތް ވެސް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.
" ދެން މިކަހަލަ ކޮންޓްރެކްޓުތަކުން ނުކުންނަންޏާ ވަރަށް ގިނަ އަދަދެއްގެ ކޮމްޕެންސޭޝަން ވެސް ދީފަ ނުކުމެވޭނީ. އެގޮތަށް ކޮންޓްރެކްޓުކޮށްފަވެސް ހުންނާނީ:" ނާޒިމް ވިދާޅުވި އެވެ.
ސިފައިންނާއި ފުލުހުންގެ ކެއުމަށް މިއަހަރުގެ ބަޖެޓުގައި 455 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އެއީ ދުވާލަކަށް 1.2 މިލިއަން ރުފިޔާއެވެ. މިކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެހާ ބޮޑު އަދަދެއް ކޮއްތައް ހޭދަކުރަން ޖެހެނީ މިގޮތަށް އެއްބަސްވުން ހަދާފައި އޮތުމުން ކަމަށެވެ.
ޕޮލްކޯއާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތަކެއް މަޖިލީހުން އެންމެ ފުރަތަމަ ބަލަން ފެށީ އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ 'ބްލުސް ހައުސިން މަޝްރޫއު' އާ ގުޅިގެން ނެރުނު އޮޑިޓް ރިޕޯޓާ ގުޅިގެން ނެވެ. ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރި އެ މަޝްރޫއުގެ ސަބަބުން 355 މިލިއަނުގެ ގެއްލުމެއް ލިިބިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.