ENGLISH
08 ޖުލައި 2025
ދިވެހި ބަހަށް ޝައުގު އުފެއްދޭނީ ޒަމާނީ ފަންނިއްޔާތާ ފައިހަމަކުރާނެ ކުރިއެރުން ބަހަށް ހޯދައިދެވިގެން: ރައީސް
14 އޭޕްރީލު 2025
|
ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފސް
ޒުވާނުންނާއި ކިޔަވާ ދަރިވަރުންގެ މެދުގައި ދިވެހި ބަހަށް ޝައުގުވެރިކަން އަށަގެންނުވޭނީ ދިވެހި ބަހަށް ޒަމާނީ ފަންނިއްޔާތާއި ފައިހަމަކުރާނެ ކުރިއެރުން ގެނެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައި ރައީސް ވިދާޅުވީ މާކަނޑުގެ މެދުން އުފެދިފައިވާ ޖަޒީރާ ރަށްތަކެއްގައި އެއް ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮންނަތާ އެތައް ހާސް އަހަރެއްވެފައިވާއިރު، މި ގައުމުގެ އަމިއްލަވަންތަކަމާއި މިނިވަންކަމުގެ އެންމެ އަގުހުރި ރަމްޒަކީ ދިވެހި ބަސް ކަމަށެވެ. އަދި ވާހަކަދައްކާނެ އަމިއްލަ ބަހަކާއި ލިޔެކިޔާނެ އަމިއްލަ އަކުރެއް ލިބިފައި އޮތުމަކީ ބޮޑު ނިއުމަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ދިވެހި ބަހުން ދިވެހިންގެ ސަގާފީ މުއްސަނދިކަމާއި އެއްބައެއްވަންތަކަން ދައްކުވައިދޭކަމަށާއި، ދިވެހިންނަކީ ޒަަމާނުއްސުރެ ވަކި އަމިއްލަ އާދަތަކަކާއި އުސޫލުތަކެއް ހިފަހައްޓަމުން އަންނަ މުސްތަގިއްލު ބައެއްކަން މުޅި ދުިޔެއަށް ކަށަވަރުކޮށްދޭކަަމަަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ހަލުއި ބަދަލުތަކާމެދު ސަަމާލުވާންޖެހޭ ކަމަށާއި، އެގޮތުން ދިވެހިބަހަށް އޮތް ޝައުގާއި ލޯބި އިތުރުކޮށް، ޚާއްސަކޮށް ދިވެހި ކިޔަވާ ކުދިންނަކީ ދިވެހިބަހަށް ފަރިތަ އެބަހަށް އިސްކަންދޭ ބަޔަކަށް ހެދޭނީ ޒަމާނީ ފަންނިއްޔާތާއި މުވާސަލާތުގެ ތަރައްގީއާ ފައިހަމަކުރެވޭނެ ކުރިއެރުން ބަހަށް ހޯދައިދެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ދިވެހި ބަހުގެ ފޮތް އަލަމާރި މުއްސަނދިކުރުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދިވެހި ބަހުން ވީޑިޔޯތަކާއި ގޭމުތައް މިޒަމާނާ އެއްގޮތަށް ތައްޔާރުކުރާ މިންވަރު އިތުރުކޮށް، ދިވެހި ބަހާއި، ދިވެހި އަދަބިއްޔާތާއި ދިވެހި ޅެންވެރިކަމުގެ މުއްސަނދިކަން އަދުގެ ޖީލުތަކަށް މޭރުންވާނެހެން ކިޔައިދޭން ޖެހޭ ކަމަށެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވީ ޒަމާނުގެ އެންމެ ބޮޑު އެއް ހަގީގަތަކީ ޒަމާނުގެ ފުރޮޅުންތަކާ އެއްގޮތަށް ދިރުމާއި އާރޯކަން ލިބެމުންނުދާ ކޮންމެ ބަހަކުން ވާހަކަދައްކައި އުޅޭ މީހުން މަދުވާ ކަމެވެ.
"އެވޭލާ އެތައް ބަހެއް މަރުވެ، އުވެމުންދާކަން، ދިވެހިބަހަށް މި ހާލަތު ކުރިމަތިވިޔަ ނުދީ، ދިވެހީންގެ ވުޖޫދުގެ މި އަގުހުރި ރަމްޒު އެތައް ހާސް އަހަރަކަށް ދެމެހެއްޓޭނީ އަޅުގަނޑުމެންގެ ހިންމަތާއި މިންނަތުން. ކާބަފައިން ވާރުތަކޮށްދިން އަމިއްލަ މާދަރީބަހުގެ އަމާނާތް، އަންނާން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމުގެ ވިސްނުން އަޅުގަނޑުމެން އެންމެންގެ ސިކުނޑިތަކުގައި ގޮވާންކޮށްގެން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިބަހުގެ އިލްމީ ދިރާސާތައް ހެދުން އިތުރުކޮށް، ޒުވާން ޖީލު ގަޔާވާނެ ގޮތަށް އައު ވިސްނުންތަކާއެކު ބަހަށް ޚިދުމަތް ކުރެއްވުމަކީ އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ އެއް ސިޔާސަތު ކަމަށެވެ.
އަދި ދިވެހި ބަހުން ވާހަކަދެއްކުމަކީ އުފަލެއް ކަމުގައި އަދި ފަޚުރެއްކަމުގައި އެންމެން ގަބޫލުކުރުމަށް އިލްތިމާސްކުރައްވަމުން ދިވެހި ބަހުުގެ އަގާއި ގަދަރު ދަރިންނަށް ވިސްނައިދީ، ދިވެހިބަހުގެ އަދަބިއްޔާތާއި ފަންނުތަކުގެ ތެރެއަށް ވަންނަ ހުނަރުވެރި ކުދިން ގިނަކުރުމަށާއި ދިވެހިބަހަށް އަހުލުވެރިވާނެ މުބާރާތްތަކާއި އެނޫން ހަރަކާތްތައްވެސް ސުކޫލު މަދުރަސާތަކާއި އޮފީސްތަކުގައިވެސް އަދި ރަށްރަށުގައިވެސް އިތުރުުކުރުމަށް އެމަނިކުފާނު އެެދިވަޑައިގެންނެވިއެވެ.