ENGLISH
08 ޖުލައި 2025
އައު ޢިމާރާތަކާއެކު ނ.ވެލީދޫ ޞިއްޙީ މަރުކަޒުގައި ޑައިލަސިސްގެ ޚިދުމަތް މާދަން ފަށަނީ
14 އޭޕްރީލު 2025
|
ނ.ވެލިދޫ ސިއްހީ މަރުކަޒު
އައު ޢިމާރާތަކާއެކު ނ.ވެލީދޫ ޞިއްޙީ މަރުކަޒުގައި ޑައިލަސިސްގެ ޚިދުމަތް، މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ.
އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން ނ.ވެލިދޫ ޞިއްޙީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އައިމިނަތު ރުއުފާ ވިދާޅުވީ، ޑައިލަސިސްގެ ޚިދުމަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އައު ޢިމާރާތުގެ އިތުރުން މިކަމަށް ބޭނުންވާ ހުރިހާ މެޝިނަރީއެއްވެސް މިހާރު ލިބިފައިވާ ކަމަށެވެ. އެގޮތުން ޑައިލަސިސް މަރުކަޒުގައި ޖުމްލަ 3 އެނދާއި 3 މެޝިން ހުންނާނެ ކަމަށާއި، އޭގެތެރެއިން އެއް މެޝިން ހާއްސަކުރެވިފައިވާނީ ހެޕަޓައިޓިސް ފަދަ ބަލިތަކަށް ފައްސި ފަރާތްތަކަށް ކަމަށެވެ. މި މެޝިން އަދި ލިބިފައިނުވާ ނަމަވެސް މިހާރު ޝިޕްކޮށްފައިވާ ކަމަށް ކޮންޓްރެކްޓަރ ވިދާޅުވާކަމަށް ރުއުފާ މައުލޫމާތު ދެއްވިއެވެ.
ޑައިލަސިސްގެ ޚިދުމަތް ފެށުމަށްޓަކައި ޞިއްޙީ މަރުކަޒުގެ ދެ ނަރުހަކު ވަނީ އައިޖީއެމްއެޗުން މިކަމުގެ ތަމްރީނު ފުރިހަމަކުރުމަށްފަހު އެނބުރި އައިސްފައި ކަމަށާއި ޚިދުމަތް ފަށާނީ އައިޖީއެމްއެޗުގެ ޑައިލަސިސް ޑިޕާޓްމަންޓުގެ އިސް ނަރުހަކާވެސް އެކުގައިކަމަށް ރުއުފާ ވިދާޅުވިއެވެ.
ޑައިލަސިސް ހަދާ 6 ވަރަކަށް މީހުން ވެލިދޫގައި މިހާރުވެސް އެބަތިބިކަން ފާހަގަކުރައްވާ ރުއުފާ ވިދާޅުވީ ރަށުން ޑައިލަސިސް ހެދޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމުން އެފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ޞިއްޙީ މަރުކަޒު ހިންގެވުމާއި އޭނާ ޙަވާލުވި ހިސާބުންވެސް މިކަމަށް ހައްލެއް ހޯދައިދިނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދިފައިވާ ކަމަށެވެ.
އެހެންކަމުން ރުއުފާވަނީ މިކަން ފުރިހަމަކޮށްދެއްވީތީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް އަށާއި ވުޒާރާގެ އެންމެހާ އިސްވެރީންނަށް ޝުކުރު އަދާކުރައްވާފައެވެ.