ENGLISH
26 އޭޕްރީލު 2025
މަޑުލު ވަހީދު: ޤައުމަށް ދޫކުރެއްވީ ދިވެހިބަހުގެ އަގުހުރި ރަންމުތްތަކެއް
14 އޭޕްރީލު 2025
|
މަޑުލު މުހައްމަދު ވަހީދު
މަޑުލު މުޙައްމަދު ވަޙީދުގެ ލިޔުންތެރިކަމުގެ ވާހަކަ ފަށަންވީ ކޮން ހިސާބަކުން ކަމެއް އަދި ޚާއްސަގޮތެއްގައި ފާހަގަ ކުރަންވީ ވަކި މިވެނި ކޮންކަމެއްކަން ބުނަން ދަތިވާހާ އެމަނިކުފާނުގެ ޚިދުމަތް ފުޅާވެފައި އަގުބޮޑެވެ. ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ތެރެެއިން މަޑުލު ވަހީދުގެ ލިޔުންތައް ސިފަ ކުރެވޭނީ އަލިގަދަ ޖަވާހިރުތަކެއް ގޮތުގެ އެވެ. ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން އެމަނިކުފާނުގެ ކުރެއްވި މަސައްކަތް ތާރީޚުގައި ލިޔެވިފައިވަނީ ރަން އަކުރުންނެވެ. ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު ވަހީދު މިއަދު ދުނިޔެއިން ވަކިވެވަޑައިގެންނެވީ މި ހަޤީގަތްތަކާއެކު އެވެ.
2019 ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް
ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މަޑުލު ވަހީދު ފެއްޓެވި އެއް މަސައްކަތްޕުޅަކީ ބޭރުގެ އެކިއެކި ޚަބަރުތައް، އެކިއެކި ރޭޑިއޯ ޗެނަލްތަކުން އައްސަވައިގެން އެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތްޕުޅެވެ. އެ މަސައްކަތްޕުޅުގެ ތެރެއިން އޭރު ނުކުތް ދުވަހު ނޫސް [މޫންލައިޓް] އަށް ވެސް ބޭރުގެ ޚަބަރުތައް ލިޔުއްވި އެވެ. އޭރު މަސައްކަތް ކުރައްވަމުން ގެންދެވީ ޝޯޓްހޭންޑް ބޭނުން ކުރައްވައިގެނެއް ވެސް ނޫނެވެ. މުހިންމު ޕޮއިންޓްތައް ނޯޓް ކުރައްވައިގެންނެވެ. ބޭރު ޚަބަރުގައި ކީ އެއްޗެއްގެ ހަނދާން ނުނެތެނީސް، އެ ޚަބަރެއް އަވަހަށް ލިޔުއްވައިލައްވައިގެންނެވެ. އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ފަންނުގައި އެދުވަސްވަރުން ފެށިގެން ވެސް މަޑުލު ވަހީދު ވަޑައިގެންނެވީ ކުރިއަށެވެ.
ދިވެހި ލިޔުންތެރިކަމުގެ ޚިދުމަތް
މަޑުލު މުޙައްމަދު ވަޙީދަށް ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި ކުރު ވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.
އިންޑިއާއިންނާއި، އިނގިރޭސިވިލާތުންނާއި، ޔޫގޯސްލޭވިއާއިން ޚަބަރު ލިޔުއްވުމުގެ ތަމްރީނު ހޯއްދެވި މަޑުލު ވަހީދު ޚަބަރު ލިޔުމުގެ ތެރެއިން ހުސް ވަގުތުގައި ކުރުވާހަކަ ލިޔުއްވުމުގެ މަސައްކަތް ވެސް ފެށްޓެވިއެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ފުރަތަމަ ކުރު ވާހަކަތައް، ފޮތްފޮތުގެ ގޮތުގައި ނެރުއްވަން ފެށްޓެވިއެވެ. އަދި ފޮތްތައް ނެރުއްވަން ފެށްޓެވުމުން، އެ ވާހަކަތަކަށް ލިބިވަޑައިގެންނެވި ފާޑުކިޔުންތައް އެއީ އެ ވާހަކަތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެއްވުމަށް ލިބިވަޑައިގެންނެވި ހިތްވަރެެއް ކަމަށް ދެކެވަޑައިގެންނެވި އެވެ.
ލިޔުންތެރިކަމުގެ ދާއިރާގައި މަޑުލު ވަހީދު ލިޔުއްވި ޚާއްސަ ފޮތްތަކުގެ ތެރޭގައި [އިސްލާމީ އަދަބު އަޚްލާޤު] [ދޭހައިގެ އަތްމަތީ ފޮތް] [ޙަޔާތުގެ ހަދިޔާ] [ހަރުދަނާ ޝަޚްޞިއްޔަތު] [ހަލީސާ] [ހަދިޔާ 2] [ދިރިއުޅުމުގެ ރަހަތައް] [ދިވެހިރާއްޖޭގެ ފަތުރުވެރިކަން]، [ކިޔަވާށެވެ. އަދި ވިސްނާށެވެ.] ހިމެނެއެވެ. އަދި ވަޙީދުގެ ކުރު ވާހަކަތައްވެސް، ފޮތްތަކަކަށް އެއްކުރައްވައި ނެރުއްވާފައިވެއެވެ. ވަޙީދު ލިޔުއްވާފައިވާ ގިނަ މަޒުމޫނުތަކުގެ ތެރޭގައި، އަމިއްލަފުޅު ޚިޔާލުގެ މައްޗަށް ލިޔުއްވާފައިވާ މަޒުމޫނުތަކާއި، އަދަބީ މައުޟޫޢުތަކަށް ލިޔުއްވާފައިވާ މަޒުމޫނުތައް ހިމެނެއެވެ. ލިޔުއްވާފައިވާ ވާހަކަތަކުގެ ތެރެއިން އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވާ ވާހަކަތަކުގެ ތެރޭގައި، [ނުކުޅެދޭ އަސަރު] [ސަކީނާގެ ހިތްދަތިކަން] [އަމިއްލަ ވަޒަނުގައި ބީރައްޓެއްސަކަށްވެފައި] [ނަފްސަށްވެވޭ ހަމްދަރުދީ] [މައެއްގެ އަސަރު] [ފުނޑުފުނޑުވި ހުވަފެން] ފަދަ ވާހަކަތައް ހިމެނެއެވެ.
މަޑުލު މުޙައްމަދު ވަޙީދު ވަނީ ދިވެހިރާއްޖެއާ ބެހޭގޮތުން އެޗް.ސީ.ޕީ ބެލް އިނގިރޭސިބަހުން ލިޔުއްވި މޮނޮގްރާފް ދިވެހިބަހަށް ތަރުޖަމާ ކުރައްވައި ދިވެހިބަހުގެ އެކެޑަމީއާ ހަވާލުކުރައްވާފައެވެ. އިޖުތިމާޢީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ޔުނެސްކޯގެ އެހީއާއެކު ފެށި ރޭޑިއޯ ސިލްސިލާ ޕްރޮގްރާމް [ރޭޑިއޯ ހަވީރު] ލިޔެ އުފެއްދުމުގައި ވަޙީދު މުހިންމު ޙިއްޞާއެއް އަދާކުރައްވާފައިވެއެވެ. އަދި ޓީ.ވީ މޯލްޑިވްސް އިން ޢާންމުން ހޭލުންތެރިކުރުވުމަށް ފޮނުއްވި ސިލްސިލާ ޕްރޮގްރާމް [ކައްތިރި] ލިޔުއްވުމުގައިވެސް ވަޙީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، އަލްމަރްޙޫމް ޙަސަން ތާޖުއްދީން ޢަރަބި ބަހުން ލިޔުއްވި [ދިވެހި ތާރީޚު] ގެ ދިވެހި ތަރުޖަމާ، ދިވެހި ބަހުގެ ހަމަތަކަށް ފެއްތުމަށް ބާރުއަޅުއްވައި ވަޙީދު ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ.
ދައުލަތަށް ކުރެއްވި ޚިދުމަތުގެ އަގު ބޮޑު
މީގެ އިތުރުން މަޑުލު މުޙައްމަދު ވަޙީދުގެ ޚިދުމަތުގެ ވާހަކައަށް އިތުރުވެގެންދާ އެތައް އެހެން ޚިދުމަތެއްވެ އެވެ. އޭގެ ލިސްޓުވެސް ދިގެވެ. މަޑުލު ވަހީދަކީ ރާއްޖޭގެ ބައެއް ސްކޫލްތަކުގައިވެސް ކިޔަވައިދެއްވި މުދައްރިސެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1980ގެ އަހަރުތަކުގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންނަށް ހިންގެވި ވަޒީފާގެ ތަމްރީނު ކޯސްތަކުގައިވެސް ވަނީ ކިޔަވައިދެއްވާފައެވެ. މީގެއިތުރުން، އެކިއެކި މަސައްކަތު ބައްދަލުވުންތަކުގަޔާއި، އެކިއެކި ކޯސްތަކުގައިވެސް ވަނީ ކިޔަވައިދެއްވާފައެވެ. ރާއްޖޭގައި ފުރަތަމަ ތާނަ އަކުރުން ޓައިޕްކުރަން ދަސްކޮށްދެއްވުމުގެ ކޯސްތައް، ސަރުކާރުން ހިންގަވަން ފެށްޓެވިއިރު، އެ ކޯސްތަކުގައި ފުރަތަމަ ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭގައިވެސް ވަޙީދު ހިމެނިވަޑައިގެންނެވިއެވެ. މީގެއިތުރުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުންނާއި، ސަރުކާރުގެ އެހެން ބައެއް މުއައްސަސާތަކުން ހިންގަވާ ކޯސްތަކުގައި ވެސް ވަޙީދު މަޢުލޫމާތު ދެއްވަމުން ގެންދަވައެވެ.
މަޑުލު މުޙައްމަދު ވަޙީދު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 ޑިސެމްބަރު 1966 ގައެވެ. ފުރަތަމަ އަދާކުރެއްވީ ވުޒާރަތުއްތިޖާރާ (ށ)ގެ އިނގިރޭސި ކާތިބުކަމެވެ. ސަރުކާރުގެ ޚިދުމަތުގައި ވަޙީދު 35 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވެއެވެ. ފުރުއްވާފައިވާ އެހެން ބައެއް މަޤާމުތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ބޭރު ޚަބަރުލިޔާ ރިޕޯޓަރުކަމާއި، އެ ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަޤާމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަޤާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު ހިމެނެއެވެ. މީގެއިތުރުން، ނުރަސްމީ ތަޢުލީމުދޭ ބައިގެ މުދައްރިސް ކަމުގެ މަޤާމާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރު ކަމުގެ މަޤާމާއި، ޚާއްޞަ މުޝީރު ކަމުގެ މަޤާމު ހިމެނެއެވެ.
ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ ފަންސާހަކަށް އަހަރު ފަހުން މިދުނިޔެއާ ވަކިވެވަޑައިގަތް ނަމަވެސް އެމަނިކުފާނުގެ ޚިދުމަތްތައް ވަކިވަކިވެގެން ދާވަރަށް ވުރެ އަލިގަދަވެފައި ކުލަގަދަ އެވެ.