ENGLISH

08 ޖުލައި 2025

Advertisement

މަޑުލު ވަޙީދުގެ ޖަނާޒާ އަސުރަށްފަހު އިސްލާމީ މަރުކަޒުގައި

14 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

މަޑުލު މުޙައްމަދު ވަޙީދު، ފޮޓޯ: ޕީއެސްއެމް

ދިވެހި ބަހާއި އަދަބިއްޔާތާއި ނޫސްވެރިކަމަށް ދިގު މުއްދަތަކަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މަޑުލު މުޙައްމަދު ވަޙީދުގެ ޖަނާޒާ މިއަދު އަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފިއެވެ. 

އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންދާތާ ގިނަ ދުވަސްތަކެއްވުމަށްފަހު މިއަދު ވަޙީދު އަވަހާރަވެފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައެވެ. ވަޙީދުގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި އަޞްރު ނަމާދަށްފަހު އޮންނަައިރު އޭނާ ފަސްދާނުލާނީ އާސަހަރާގއެވެ. 

ވަޙީދަކީ ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ އަދި 1997 ވަނަ އަހަރު ކުރު ވާހަކަ ލިޔުމުގެ ރޮނގުން ޢާއްމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. 

އޭގެ އިތުރަށް 2019 ވަނަ އަހަރު، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން އޭނާއަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ. އަދި އެ އަހަރު ނޫސްވެރިކަމުގެ އަލިމަސް ގަލަމުގެ ޝަަރަފުވެސް އޭނާއަށް ލިބިވަޑައިގަތެވެ.

މެދުކެނޑުމެއް ނެތި ލިޔުންތެރިކަމާއި ބަހުގެ ދާއިރާއިން ބައި ޤަރުނެއްހައި ދުވަހު ވަޙީދު ޚިދުމަތްކުރެއްވިއެވެ. ދައުލަތުގެ މީޑިޔާގައި ނޫސްވެރިޔެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފއިވެއެވެ. 

ޤާނޫނުގެ ދަށުން ދައުލަތުގެ މީޑިޔާ އުފެއްދުމަށް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދެވި މޯލްޑިވްސް ނޭޝަނަލް ބްރޮޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޗެއާމަންކަން ވަޙީދު ކުރެއްވިއެވެ. 

ވަޙީދުގެ ޚިދުމަތް ފާހަގަކުރައްވައި އޭނާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު