ENGLISH
15 އޭޕްރީލު 2025
ސަޢުދީ ފަންޑްގެ ސީއީއޯއަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ރައީސުލްޖުމްހުރިއްޔާ އަރުވައިފި
14 އޭޕްރީލު 2025
|
ސައުދީ ފަންޑުގެ އެންމެ އިސްވެރިޔާ އަށް ނިޝާން މުލީގެ އިއްޒަތުގެ ޝަރަފު ރައީސް މުއިއްޒު މިއަދު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
މިއަދު ހެނދުނު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ.
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދަށް، އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ސަޢޫދީ ފަންޑުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށާއި، ރައްޔިތުންގެ ޢާންމު ޙާލަތު ކުރިއެރުވުމަށް، ވަރަށް ފުޅާ، ދާއިރާއެއްގައި ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، އެއްބާރުލެއްވުމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ސައުދީ ފަންޑުން އަންނަނީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ގިނަ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީގެ މަޝްރޫއުތަކަށް އެކި ފަހަރު މަތިން ފައިނޭންސިން ހަމަޖައްސާފައިވެ އެވެ. އެއާޕޯޓު ތަރައްގީގެ މަޝްރޫއުތަކަށް އެ ފަންޑުން 1978، 1981، 1992، 1999 2016، 2024 ވަނަ އަހަރު ފައިނޭންސިން ހަމަޖައްސައިދީފައި ވެ އެވެ.
ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާ މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ނިންމަން އިތުރަށް ބޭނުންވާ 17 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވާނެ އެވެ. މިއީ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ދޭ ދެވަނަ ލޯނެވެ.