ENGLISH

15 އޭޕްރީލު 2025

Advertisement

ވީއައިއޭ ޕްރޮޖެކްޓަށް އިތުރު 17 މިލިއަން ޑޮލަރު ސަޢުދީ ފަންޑުން ހަމަޖައްސައިދީފި

14 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ވީއައިއޭގެ ތަރައްގީއަށް އިތުރު 17 މިލިއަން ޑޮލަރު ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް އެހީތެރިވުމަށް ސައުދީ ޑިވެލޮޕްމެންޓް ފަންޑުން އިތުރު 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ)ގެ ލޯނެއް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ލޯނު ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ސައުދީ ޑިވެލޮޕްމެންޓު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުލްޠާން ޢަބްދުލްޙަމީދު އަލްމަރްޝިދެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވެފައިވަނީ 1978 ވަނަ އަހަރުގައި އެއާޕޯޓު ތަރައްގީކުރުމަށް އެ ފަންޑުން ދިން ލޯނަށްފަހު، ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ސައުދީ ފަންޑަކީ މުހިއްމު ބައިވެރިވެއެއް ކަމަށެވެ. 

ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބޮޑު ބަދަލެއް ގެނައުމުގައި ސައުދީ ޑިވެލޮޕްމެންޓު ފަންޑުގެ ދައުރުގެ ބޮޑުކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ އެ ފަންޑުން ލިބުނު އެންމެ މުހިއްމު އެހީތެރިކަމަކީ ދިވެހިރާއްޖޭގެ މައި ދޮރާށިކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއަށް އެ ފަންޑުން އިންވެސްޓުކުރުން ކަމަށެވެ. 

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ މަޝްރޫއު ހިންގުމަށް ސައުދީ ފަންޑުން ލޯނު ހަމަޖައްސައިދީފައިވާކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ ތިންވަނަ އެހީތެރިކަމާއެކު ގައުމީ ފެންވަރުގައި އިސްކަންދީގެން ކުރިއަށްގެންދާ އެ މަޝްރޫއު ނިންމުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމުގައެވެ. 

"މި މަޝްރޫއު ލަސްވިކަން ގަބޫލުކުރާ ހާލު، އެ މަޝްރޫއު ވަގުތަށް ކާމިޔާބުކަމާއެކު ނިންމުމަށް ސަރުކާރުން މަސައްކަތްކުރާ ކަމުގެ ޔަގީންކަން އަރުވަން. އެއާޕޯޓު ތަރައްގީކުރުމަކީ ހަމައެކަނި ތަރައްގީގެ މަޝްރޫއެއް ނޫން. އެއީ ގައުމީ ފެންވަރުގައި އިސްކަންދޭ މަސައްކަތެއް. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހި އިގުތިސާދާއި، ފަތުރުވެރިކަމާއި މުޅި ދުނިޔެއާ އޮތް ގުޅުމުގެ ވިންދު،" ޒަމީރު ވިދާޅުވިއެވެ. 

ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖޭގެ ތަރައްގީގައި އަދާކުރަމުންދާ ދައުރާއި ދެމުންދާ އެހީތެރިކަން ފާހަގަކުރައްވަމުން ޒަމީރުވަނީ އެ ގައުމުގެ ވެރިންނާއި ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި، އެގައުމާ އޮތް ގުޅުމަކީ ދިވެހިރާއްޖެއިން ވަރަށް ބޮޑަށް އަގުވަޒަންކުރާ ގުޅުމެއްކަމަށް ވިދާޅުވެފައެވެ. 

ސައުދީ ޑިވެލޮޕްމެންޓު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުލްޠާން ޢަބްދުލްޙަމީދު އަލްމަރްޝިދު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވީ ސައުދީ ފަންޑުން މީގެ ކުރިންވެސް ވީއައިއޭގެ ތަރައްގީގެ މަޝްރޫއަށް 200 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމެވެ. އަދި މިއަދު ގާއިމުކުރެވުނު އެއްބަސްވުމާއެކު އެ މަޝްރޫއަށް ސައުދީ ފަންޑުން ފޯރުކޮށްދޭ އެހީތެރިކަން 217 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. 

އަލްމަރްޝިދު އިތުރަށް ވިދާޅުވީ 1978 ވަނަ އަހަރު ރާއްޖެއަށް ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ފުރަތަމަ ފަހަރަށް ގާއިމުކުރެވުނު ފަހުން ތަރައްގީގެ 14 މަޝްރޫއެއް ހިންގުމަށް 17 ލޯނެއް އެ ފަންޑުން ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އެއީ 488 މިލިއަން ޑޮލަރު (7.5 ބިލިއަން ރުފިޔާ)ގެ ލޯނުކަމުގައި އޭނާ ވިދާޅުވިއެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއަކީ 2016 ވަނަ އަހަރު ފެށުނު މަޝްރޫއެކެވެ. އެ މަޝްރޫއަށް ސައުދީ އަރަބިއްޔާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ކުވައިތުގެ އިތުރަށް ޗައިނާއިން އަންނަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ މަޝްރޫއުގެ ދަށުން އައު ރަންވޭއާއި، ކާގޯ ޓާމިނާއި، ސީޕްލޭން ޓާމިނަލާއި، ޒަމާނީ ފެންވަރުގެ ފިއުލް ފާމު ގާއިމުކުރުމުގެ މަސައްކަތް ނިންމާފަައިވާއިރު، މިހާރު ކުރިއަށްދާ އެންމެ ބޮޑު އަދި މުހިއްމު މަސައްކަތަަކީ ވީއައިއޭގެ އައު ފަސިންޖާ ޓާމިނަލުގެ މަސައްކަތެވެ. 

ސަރުކާރުން އަންނަނީ އައު ޓާމިނަލުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަަށް މަސައްކަތްކުރަމުންނެވެ. އެ މަޝްރޫއު ނިމުމުން އަހަރަކު ހަތް މިލިއަން ޓޫރިސްޓުންނަަށް ވީއައިއޭއިން ހިދުމަތް ދެވޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު