ENGLISH

15 އޭޕްރީލު 2025

Advertisement

ފިލިޕީންސްގައި އަނިޔާވި ދިވެހި ދަރިވަރުގެ ޙާލު ސަރުކާރުން ގާތުން ދަނީ ބަަލަމުން

13 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް -- ފޮޓޯ: ފޮރިން އެފެއާޒް

ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުންދިއުމުގެ ތެރޭ މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާވި ދަރިވަރު، ޢަބުދުލް މާނިޢުގެ ޙާލަތު ގާތުން ބަލަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

މި ހާދިސާ ހިނގީ އިއްޔެގެ ވަގުތެއްގަ އެވެ.

ވަޒީރު ޚަލީލު ވިދާޅުވީ މި ހާދިސާއާ ގުޅިގެން މާނިޢުގެ ބައްޕަ، އާމިރު އާ ފޯނުން ގުޅާ ދަރިވަރުގެ ޙާލަތާ ގުޅޭގޮތުން މިއަދު ވާހަކަ ދައްކާލެވުނު ކަމަށެވެ.

އަދި މާނިޢު މަންމައާއި ބޭބެ ފިލިޕީންސް އަށް މިހާރު ދެވިއްޖެ ކަމަށާއި މާތްﷲގެ ވާގިފުޅާއެކު ދަރިފުޅު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވި ކަމަށެވެ.

‏ފޮރިން މިނިސްޓްރީ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ގުޅާ ދަރިފުޅުގެ ޙާލު އޮޅުންފިލުއްވި ކަމަށާއި ސަރުކާރުން މިހާ ގާތުން މިކަން ބަލަމުން ގެންދާތީ އުފާކުރާ ކަމަށް މާނިޢުގެ ބައްޕަ ބުނެފައިވާ ކަން ވަޒީރު ފާހަގަ ކުރެއްވި އެވެ. އަދި ފިލިޕީންސްގައި ތިބި ކިޔަވާ އެހެން ދަރިވަރުންގެ ފަރާތުން މިފަދަ ވަގުތެއްގައި ލިބެމުންދާ އެހީތެރިކަން ވެސް ފާހަގަކުރި އެވެ.

‏ޙާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން، ރައީސް މުޢިއްޒުގެ ލަފާފުޅާ އެއްގޮތަށް ދިވެހި ސަރުކާރުން ގެންދަނީ ދަރިވަރުގެ ޙާލު ވަރަށް ކައިރިން ބަލަމުން ކަމަށް ވަޒީރު ވިދާޅުވި އެވެ.

މާނިޢު ޒަހަމުވީ ސެސްނާ-125 މަރުކާގެ ބޯޓުގެ އިންޖީނު ނިވާނުލައި ބޯޓުން ފޭބި ވަގުތު އެވެ. ބޯޓުން ކުއްލި ގޮތަކަށް ފޭބީ ވަރަށް ބޮޑަށް ބޯއަނބުރަން ފެށުމުންނެވެ.

މި ހާދިސާގައި އޭނާއަށް ލިބުނު އަނިޔާތަކާއި ގުޅިގެން ބައެއް ސާޖަރީތައް ވަނީ ހަދާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު