ENGLISH
15 އޭޕްރީލު 2025
ކެބިނެޓުން ނިންމީ 2007 ގެ ފަހުން އުފަންވި އެންމެނަށް ދުންފަތް މަނާކުރަން، ނޮވެމްބަރުގައި ތަންފީޒު ކުރަން ފަށަނީ
13 އޭޕްރީލު 2025
|
ރައީސް މުޢިއްޒު ކެބިނެޓް ބައްދަލްވުމުގައި
ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
އެ ނިންމުން ނިންމީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
ވަޒީރުންގެ މަޖިލީހުގެ ނިންމުން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެންމެ ބުނީ ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރަން ނިންމާފައިވާ ކަމަށެވެ.
އަދި މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
މިގޮތުން މި ޤާނޫނަށް އިޞްލާޙު ގެނެސް ތަޞްދީޤުކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، 1 ނޮވެންބަރު 2025 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން، ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން މިނިސްޓްރީ އޮފް ހެލްތަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.
ކެބިނެޓް ފެށުމުގެ ކުރީން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސޯޝަލް މީޑިޔާ އެކައުންޓުތައް މެދުވެރިކުރައްވައި ރައީސް ޝާއިއުކުރެއްވި ވީޑިޔޯ މެސެޖެއްގައި ވިދާޅުވީ މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް ސާވޭ 2022 އިން ދައްކާ ގޮތުގައި ދިވެހިންގެ މެދުގައި ގަައިންގަޔަށް ނާރާ ބަލިތައް ފެތުރުމަށާއި ނުކުޅެދުންތެރިކަމަށް ހުށަަހެޅުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަަށެވެ.
އޭގެ އިތުރަށް ރާއްޖޭގައި މީހުން މަރުވާ ސަބަބުތަކަށް ބަލާއިރު ބަލިތަކުގައި މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުންހުރި ބަލިތަކުގައިކަން ފާހަގަކުރައްވަމުން އެއީ ވަރަށް ބޮޑު އިންސައްތައެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ހެދި ގައިންގައަށް ނާރާ ބަލިތައްޖެހުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމާ ގުޅޭ ސާވޭއާ ހަވާލާދެއްވައި ރައީސް ވިދާޅުވީ 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 21.8 އިންސައްތަ ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ ޒުވާނުން ކަމަށެވެ.
ގްލޯބަލް ޔޫތު ޓޮބެކޭ ސާވޭ ދައްކާ ސްކޫލު އުމުރުފުރާ ކުދިންގެ ތެރެއިން 40 އިންސައްތަ ކުދިންނަކީ ކޮންމެވެސް ގޮތަކުން ނިކޮޓިން ނުވަތަ ދުންފަތުގެ ބާވަތެއް ބޭނުންކުރާ މީހުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ދިވެހީންގެ އާބާދީއަކީ 411،741 ކަމަށާއި، އެމީހުންގެ ތެރެއިން 2007 ޖަނަވަރީ 1 އިން ފެށިގެން އުފަންވި މީހުންގެ ތެރެއިން މަރުވެފައިވާ މީހުން ނުހިމަަނައި އެ އުމުރުގެ އާބާދީއަކީ 124،002 މީހުންކަން ފާހަގަކުރައްވައި އެއީ ދިވެހިންގެ ޖުމްލަ އާބާދީގެ 30.1 އިންސައްތަކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ގައިންގައަށް ނާރާ ބަލިތަކުން ޒުވާނުންނާއި ހުރިހާ ދިވެހިން ސަލާމަތްކުރުމަށް ސަރުކާރާ އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށާއި، އެކަމަށް ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ޕޯލެއް ކުރިއަށްގެންދެވިކަމަށާއި، އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކާއެކު އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދެވި ކަމަށެވެ.