ENGLISH
15 އޭޕްރީލު 2025
އައިލެންޑް އޭވިއޭޝަނަށް 25 އަހަރު، އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
13 އޭޕްރީލު 2025
|
ރައީސް މުޢިއްޒު ވީއައިއޭގައި
އައިލެންޑް އޭވިއޭޝަނަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އެ ކުންފުނީގެ ވެރީންނާއި މުވައްޒިފުންނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.
އެމަނިކުފާނު ވަނީ އެކްސް ގައި ޕޯސްޓެއް ކުރައްވާ އަހަރީ ދުވަހުގެ ތަޙުނިޔާ ފޮނުއްވާފަ އެވެ.
ރައީސްގެ ޕޯސްޓްގައި ވިދާޅުވީ މެދުކެނޑުމެއްނެތި 25 އަހަރު ދިވެހި ޤައުމުގެ ނަން ވައިގެ ތެރޭގައި ފަވަމުން، އައިލެންޑް އޭވިއޭޝަންގެ ޓީމުން ކުރައްވަވާ ހިންމަތްތެރި މަސައްކަތަށް ފަޚުރުވެރިވާ ކަމަށެވެ.
އަދި ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރު ފުޅާކޮށް އިޤްތިޞާދު ހިފެހެއްޓުމުގައި، އަދި ތަރައްޤީ ދަމަހައްޓައިދިނުމުގައި، ޚިދުމަތުގެ ރިހިޔޫބީލް ފާހަގަކުރާ މި އުފާވެރި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރާ ކަމަށެވެ.
އައިލެންޑް އޭވިއޭޝަނަކީ ދިވެހި ޤައުމީ އެއާލައިން -- މޯލްޑިވިއަން ހިންގާ ކުންފުންޏެވެ. އެ ކުންފުނީގެ ހިންގުން ހަރުދަނާ ކޮށް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް މޯލްޑިވިއަންގެ ޚިދުމަތް ދެމުންދާއިރު ރާއްޖެއިން ބޭރަށް ވެސް ޤައުމީ އެއާލައިން ވަނީ އުދުހެން ފަށާފަ އެވެ. ސަރުކާރުން ވަނީ މޯލްޑިވިއަންއަށް އެއާބަސް އޭ330 މަރުކާގެ ބޯޓެއް އެ ކުންފުންޏަށް ހޯދާދީ ޚިދުމަތް ފުޅާކޮށްފަ އެވެ. އަދި އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.