ENGLISH
08 ޖުލައި 2025
ދޮށީގެ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް ކުޅުދުއްފުށި ސިޓީ ބޭރުގައި އަޅައިފި
13 އޭޕްރީލު 2025
|
ކުޅުދުއްފުށި ސިޓީ ބޭރުގައި އަޅާފައިވާ ކަނދުފަތި--ފޮޓޯ:މަސްވެރިކަމާބެހޭ ވުޒާރާ
ހދ. ކުޅުދުއްފުށި ސިޓީ ބޭރުގައި ދޮށީގެ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް މަސްވެރިކަމާބެހޭ ވުޒާރާއިން އަޅައިފިއެވެ.
މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިކަނދުފަތި އަޅާފައިވަނީ، ކުޅުދުއްފުށި ސިޓީގެ އިރު ދެކުނުން 15.5 މޭލު ބޭރުގައެވެ. ދޮށީގެ މަސްވެރިކަމަށް ޚާއްސަ މިކަނދުފަތީގެ ނަންބަރަކީ C09D02 ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކުޅުދުއްފުށީ ކަނދުފައްޗަކީ، 2019 ވަނަ އަހަރު އެޅި ކަނދުފަތީގެ ބަދަލުގައި އެޅި ކަނދުފައްޗެކެވެ. މި ފަހަރުވެސް ކަނދުފަތި އަޅާފައިވަނީ ކުރީގެ ކަނދުފަތި އޮތް ސަރަހައްދުގައެވެ.
ކުޅުދުއްފުށީ ބޭރުގައި ކަނދުފަތި އެޅުމުގެ ތެރެއިން--ފޮޓޯ:މަސްވެރިކަމާބެހޭ ވުޒާރާ
މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތުކުރެއްވުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.
ކަނދުފަތިތަކަކީ އޮއިވާލުގައި މަސް އަޅާ އުސޫލުން މަސައްކަތްކުރާ އެއްޗެކެވެ. އަދި ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، ކަނދުފަތި ކައިރިއަށް މަސް ޖަމާވެއެވެ. މިހެންވުމުގެ ސަބަބުން ކަނދުފަތީގެ ކައިރީގައި މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވެގެންދެއެވެ.
ކުޅުދުއްފުށި ސިޓީ ބޭރުގައި ކަނދުފަތި އަޅާފައިވާ ސަރަހައްދު--ފޮޓޯ:މަސްވެރިކަމާބެހޭ ވުޒާރާ
ރާއްޖޭގައި ދެ ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ އަދި ހޯދަން ފަސޭހަވާ ގޮތަށް "ރީނދޫ" ކުލައިގައެވެ. މިކަނދުފަތިތައް ޤާއިމްކުރަނީ ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައެވެ. ރާއްޖޭގައި މިވަގުތު ވަނީ ދޮށީގެ މަސްވެރިކަމަށް 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް 26 ކަނދުފަތި އަޅައިފައެވެ.
ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ގާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގަ ހުންނަ ތަނެވެ. މިކަމަށް އޮތް ޑިމާންޑްގެ ބޮޑުކަމުންނާއެކު، މި ސަރުކާރުން އަންނަނީ އުތުރުން ށ. ފުނަދޫގައި އަދި ދެކުނުން އައްޑޫގައި ކަނދުފަތި ގާއިމުކުރާ ސެންޓަރުތައް އެޅުމަށް މަސައްކަތް ކުރަމުންނެވެ.