ENGLISH
28 އޭޕްރީލު 2025
އާމްދަނީ އިތުރުވެ ހަރަދުތައް ކުޑަވެ، ބަޖެޓުގެ އަރަނި 1.1 ބިލިއަނުން މައްޗަށް
13 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަަށް ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %10 އިތުރުވެ، ބަޖެޓުގެ އަރަނި 1.1 ބިލިއަން ރުފިޔާއިން މައްޗަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއްފަހަރު އާއްމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކަށް ބަލާއިރު މާޗު މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 8.8 ބިލިއަން ރުފިޔާއެވެ. އެއީ ކުރީ އަހަރުގެ އެ މުއްދަތުގައި ލިބުނު 7.9 ބިލިއަން ރުފިޔާއަށްވުރެ 10 އިންސައްތަ އިތުރު އަދަދެކެވެ.
ދައުލަތުގެ އާމްދަނީއަށް ބަލާއިރު ޓެކުހުގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ އަދި ޓެކުސް ނޫން އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ދައުލަތުގެ އާމްދަނީ 10 އިންސައްތަ އިތުރުވިއިރު ނިމުނު އަހަރުގެ އެ މުއްދަތަށްވުރެ ދައުލަތުގެ ޚަރަދުތައް މި އަހަރު ކުޑަކުރެވިފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރު ޖަނަވަރީން މާޗު މަހުގެ 20 ވަނަ ދުވަހާ ހަމައަށް 8.8 ބިލިއަން ރުފިޔާ ހަރަދުވިއިރު، މި އަހަރުގެ އެ މުއްދަތުގައި ހަރަދުވީ 7.6 ބިލިއަން ރުފިޔާއެވެ.
އެހެންކަމުން ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު ދައުލަތުގެ ހަރަދުތައް 14.5 އިންސައްތައިން ކުޑަވެފައިވެއެވެ. އެއާއެކު މި އަހަރު ބަޖެޓު ދަރަނިވެރިނުވެ އަރަނީގައި ތަންފީޒުކުރެވިފައިވެއެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ހަރަދުތަކުގެ ތެރެއިން ދަރަނި އަދާކުރުމުގެ ހަރަދު އުނިކުރުމަށްފަހު އާމްދަނީއާއި ހަރަދުގެ ފަރަގު ހިސާބުކުރުމުން މި އަހަރުގެ އެ މުއްދަތުގައި 2.3 ބިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސް ނުވަތަ އަސާސީ އަރަންޏެއް އޮވެއެވެ.
އަދި ހަރަދުތަކުގެ ތެރޭގައި ދަރަނި އަދާކުރުމުގެ ހަރަދުތައް ހިމަނައިން އާމްދަނީއާއި ހަރަދުގެ ފަރަގު ހިސާބުކުރުމުން 1.17 ބިލިއަން ރުފިޔާއަށް ޖުމްލަ އަރަނި ނުވަތަ އޯވަރޯލް ސާޕްލަސް އަރައެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި 927 މިލިއަން ރުފިޔާއިން ބަޖެޓު ދަރަނިވެރިވެ ޑެފިސިޓުވިއެވެ.
މި އަހަރުގެ މިހާތަނަށް ފައިނޭންސްއާއި އިންޓަރެސްޓުގެ ހަރަދުގެ ގޮތުގައި 1.16 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު ދަރަނި އަދާކުރުމަށް 2.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެހެންކަމުން ދަރަނި އަދާކުރުމަށް ދައުލަތުން ކުރި ހަރަދު މި އަހަރު 184 އިންސައްތަ މަތިވެފައިވެއެވެ.
ވެރިކަން ބަދަލުވިއިރު ދައުލަތުގެ ބޭރުގެ ދަރަންޏާއި އެތެރޭގެ ދަރަނި އިންތިހާއަށް އިތުރުވެ މާލީ ބޮޑެތި ގޮންޖެހުންތަކެއް ސަރުކާރަށް ކުރިމަތިވެފައި އޮތް ނަމަވެސް ދައުލަތުގެ މާލީ ކަންކަން ހިންގުމުގައި ސަރުކާރުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކާއެކު ދައުލަތުގެ އާމްދަނީ އިތުރުކުރެވި ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވި ބަޖެޓުގެ ޑެފިސިޓު އަންނަނީ ކޮންޓުރޯލުކުރެވެމުންނެވެ.