ENGLISH
15 އޭޕްރީލު 2025
ވެހިކަލް އެތެރެކުރުމުގެ ކުރީން ގަރާޖު ދައްކަން ޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
13 އޭޕްރީލު 2025
|
މާލެ ސިޓީގެ މަގެއްގައި ވެހިކަލްތަކެއް -- ފޮޓޯ: އަވަސް
ރާއްޖެއަށް ދިމާވެފައިވާ ވެހިކަލް އިތުރުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ވެހިކަލް އެތެރެކުރުމުގެ ކުރީން ގަރާޖު ދައްކަން ޖެހޭ ގޮތަށް ޤަވާއިދު ބަދަލުކޮށްފި އެވެ.
އެ ބަދަލު ގެނެސް އެއްގައުމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދަށް ހަވަނަ އިސްލާޙު ގެނެސް މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ.
މި ބަދަލާ އެކު މީގެ 90 ދުވަސް ފަހުން ރާއްޖެއަށް އެތެރެކުރާ އެއްގަމު އުޅަނދުގެ ތެރެއިން ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް ރާއްޖެއަށް އެތެރެކުރެވޭނީ އެ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމުގެ ކުރިން އެ އުޅަނދު ބޭއްވުމަށް ހަމަޖެހިފައިވާ ގަރާޖު ނުވަތަ ޝޯރޫމު ނުވަތަ ގުދަނުގެ ހުއްދައާއި އަދި އުޅަނދަކީ މިނިސްޓްރީން ރަޖިސްޓަރީ ކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ އުމުރަށްފެތޭ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުން މިނިސްޓްރީ އަށް ހުށަހަޅައި އުޅަނދު އެތެރެކުރުމުގެ ހުއްދަ ލިބިގެންނެވެ.
މި ޤަވާއިދާ އެކު ބޭނުންކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން އިންޖީނު ކެޕޭސިޓީ 250 ކިއުބިކް ސެންޓިމޭޓަރު ނުވަތަ އެއަށް ވުރެ ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލާއި އުފެއްދި ތާރީޚުން ފެށިގެން ތިން އަހަރަށް ވުރެ އިތުރުވެފައިވާ ސައިކަލު ދެން އެތެރެއެއް ނުކުރެވޭނެ އެވެ.
އަދި އުފެއްދި އަހަރުން ފެށިގެން ފަސް އަހަރަށްވުރެ އިތުރުވެފައިވާ ކާރާއި ވޭނާއި ބަސް އަދި ލޭންޑްރޯވާ ފަދަ ދަތުރުފަތުރު ކުރުމަށް ގެންގުޅޭ އެއްގަމު އުޅަނދާއި އުފުލޭ ބަރުދަން އެއް ޓަނު ހަމަނުވާ ވެހިކަލާއި އުފެއްދި ތާރީޚުން ފެށިގެން ހަތް އަހަރަށް ވުރެ އިތުރުވެފައިވާ އުފުލޭ ބަރުދަން ހަތަރު ޓަނުން ފެށިގެން 10 ޓަނު ހަމަނުވާ އުޅަނދުތައް ވެސް އެތެރެ ނުކުރެވޭނެ އެވެ.
މީގެ އިތުރުން އުފެއްދި ތާރީޚުން ފެށިގެން 15 އަހަރު ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސްވެފައިވާ އުފުލޭ ބަރުދަން 15 ޓަނުން ފެށިގެން މަތީގެ އެއްގަމު އުޅަނދުވެސް އެތެރެ ނުކުރެވޭ ލިސްޓްގައި ވަނީ ހިމަނާފަ އެވެ.