ENGLISH

08 ޖުލައި 2025

Advertisement

ތ. އަތޮޅު ހަތަރު ރަށެއްގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް މިއަހަރު ނިންމަނީ

13 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ތ. ވޭމަންޑޫގައި ތަރައްގީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު. ރާއްޖޭގެ ހުރިހާ ރަށެއްގައި އެފްއާރުސީ ގާއިމުކުރާނެ. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ކޮޅުމަޑުލުގެ ހަތަރު ރަށެއްގައި ތަރައްގީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ (އެފްއާރުސީ) ތަކުގެ މަސައްކަތް މިއަހަރު ނިންމަން އަމާޒުހިފައި، އެ ޕްރޮޖެކްޓްތަކުގެ އަދާހަމަ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. 

ތ. އަތޮޅުގައި އެފްއާރުސީ އެޅުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރަމުން އަންނަނީ ވޭމަންޑޫ އާއި ކަނޑޫދޫގެ އިތުރުން އޮމަދޫ އަދި ވިލުފުށީގައެވެ.  

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މީސްމީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ވޭމަންޑޫ އާއި އޮމަދޫގައި ގާއިމްކުރާ އެފްއާރުސީ ހިޔާކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެ ސެންޓަރުތަކުގައި މިހާރު ކުރިއަށްދަނީ ތަޅުން އެއްވަރުކުރުމަށް ބޭނުންވާ ވެލިއެޅުމުގެ މަސައްކަތެވެ.

ކަނޑޫދޫގައި އެފްއާރުސީ އަޅާ ބިމުގައި ހުރި އިމާރާތް ތަޅާލުމަށްފަހު، އާ އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. 

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ ތ. އަތޮޅުގެ ހަތަރު ރަށުގެ އެފްއާރުސީތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމުގެ މަސައްކަތް ކުރާއިރު، އެ އަތޮޅުގައި ބާކީ ހުރި ރަށްތަކުގެ އެފްއާރުސީތަކުގެ މަސައްކަތްތައް ވެސް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާލާނެ ކަމަށެވެ. 

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

ދެ އަހަރުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމް ގާއިމްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، ފިޓްނަސް ސެންޓަރުތަކުގައި ކުޅިވަރު ކުޅެވޭނެ އިންތިޒާމާއި، އަންހެން ބޭފުޅުންނަށް ކަސްރަތު ކްލާސްތައް ހިންގޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. 

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މުޅި ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރަމުންދާއިރު، ދާދިފަހުން އެ ވުޒާރާއިން ވަނީ ކުޅިވަރުގެ 77 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ކުންފުނިތަކާ ހަވާލުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު