ENGLISH

10 ޖުލައި 2025

Advertisement

ބޭރު ޤައުމުތަކުން އައިޑީކާޑު ހެއްދޭނެ އިންތިޒާމް ހަމަޖައްސަނީ

13 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

ދިވެހި އައިޑީކާޑެއް..ފޮޓޯ: ދި އެޑިޝަން

ދިވެހިން އާންމުކޮށް ދަތުރުކުރާ ބޭރު ޤައުމުތަކުގައި ދިވެހި އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން ބުނެފައިވަނީ، މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފެށުމުގެ މަސައްކަތް ކުރިއަށްދާއިރު، ދިވެހިން ގިނައިން ދަތުރުކުރާ ބައެއް ބޭރު ޤައުމުތަކުގައި ވެސް މި ޚިދުމަތް ފޯރުކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ތައްޔާރުވަމުން އަންނަ ކަމަށެވެ. މިނިސްޓްރީން އިތުރަށް ބުނިގޮތުގައި، މެލޭޝިއާ، ސްރީ ލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި މި ޚިދުމަތް ތަޢާރަފުކުރުމަށް ޑީއެންއާރުން މަސައްކަތްކުރަމުން ދެއެވެ.

މީގެ އިތުރުން، މިނިސްޓްރީން ފާހަގަކޮށްފައިވަނީ މި މަހުގެ ތެރޭގައި އިތުރު ހަތަރު ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފެށޭނެ ކަމަށެވެ. މި ރަށްތަކަކީ ށ. ފުނަދޫ، ށ. މިލަންދޫ، ނ. ވެލިދޫ އަދި މ. މުއްޔެވެ. މިހާރުވެސް ޑީއެންއާރުން ވަނީ 15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފައެވެ. މި ރަށްތަކުގައި ޚިދުމަތް ފޯރުކޮށްދެމުންދަނީ އެ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެންނެވެ. އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުމަށް ކޮންމެ ފަހަރަކު މާލެ އައުމުގެ ބުރަ އުފުލަންނުޖެހޭ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މާލެ ސަރަޙައްދުގައި ވެސް ހުޅުމާލެ އަދި ވިލިމާލޭގައި މި ޚިދުމަތްތައް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު