ENGLISH

14 އޭޕްރީލު 2025

Advertisement

ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިއުލާނު ކުރާނެ: މިނިސްޓަރު ޝަހީމް

13 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު-- ފައިލް ފޮޓޯ

ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިއުލާންކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރޭ ވިދާޅުވީ މި ސްކޮލަރޝިޕްގެ ތެރެއިން އިސްލާމީ އިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓަރ/ ޕީއެޗްޑީގެ ގިނަ ފުރުސަތު ހުޅުވައިލެވޭނެ ކަމަަށެވެ.

އަދި މެޑިސިންގެ ދާއިރާއިން ސުޕަރ ސުޕެޝަލިސްޓުން މި ގައުމުގައި ނެތް މުހިންމު ބައެއް ދާއިރާތަކަށް ވެސް އެހީ ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޒަކާތު ފަންޑުގެ ފީ ސަބީލި ﷲ ބައިން މި ފުރުޞަތުތަކަށް ފަންޑުކުރެވިގެންދާނެ. ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަޞްރެކެވެ،"

މީގެ އިތުރުން ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ވެސް ހަރަދު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިކަންކަމަކީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމުގައި މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިކަންކަމުގެ އިތުރުން ޒަކާތު ފަންޑުގެ ފަގީރުންނާއި މިސްކީނުންގެ ބައިން ފަގީރުންގެ ބޭސް ފަރުވާ އާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ވެސް ދަނީ ހޭދަކުރަމުން ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީ

މީގެ އިތުން މިޞްރާއި ސަޢުދީ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ އިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީ ދިނުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ހަފްތާގެ ތެރޭގައި އެކަމަށް ވެސް އިއުލާނު ކުރާނެ ކަމަށެވެ.

މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަން

މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިފައިވެއެވެ.

މިއީ ދިވެހި ތާރީހުގައި އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރެވެ. 2025 ގެ ފުރަތަމަ ކުއާޓަރގައި 34 މިލިއަން ވަނީ ލިބިފައެވެ.

އަދި މިއަހަރަކީ ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ވެސް ލިބުނު އަހަރު ކަމުގައި ފާހަގަ ކުރެއްވި އެވެ. އަދި ހަމަ ހަމަ ގޮތެއްގައި ރާއްޖޭގެ ފަގީރުންގެ މެދުގައި ފިޠުރު ޒަކާތް ފުރަތަމަ ފަހަރަށް ބެހިގެން ދިޔައީ ވެސް މިއަހަރުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު