ENGLISH
13 އޭޕްރީލު 2025
ތުރުކީން ޑޯގަން ކްލާސް މަނަވަރެއް ހަދިޔާކުރަން ވަނީ ނިންމާފައި: ޑިފެންސް
12 އޭޕްރީލު 2025
|
ތުރުކީގެ މަނަވަރެއް: މިފަދަ މަނަވަރެއް ރާއްޖެއަށް ހަދިޔާ ކުރަން ވަނީ ނިންމާފައި
ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ޑޯގަން ކްލާސް މަނަވަރެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ދިފާޢީ ވުޒާރާ އިން މިރޭ ބުނެފި އެވެ.
އެ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކޮށް ރައްކާތެރި ކުރުން ކަމަށާ މަޤާމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން މި ސިޔާސަތު ތަންފީޒު ކުރެއްވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑު ދެގުނަ ކުރައްވައި ޤާބިލުކަން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށާ އެ ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކާ ރަޙްމަތްތެރި ޤައުމުތަކާއެކު ބަދަހި ކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ޑޯގަން ކްލާސް މަނަވަރެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.
އަދި މި އުޅަނދު ރާއްޖެ ގެނެސް ޚިދުމަތަށް ނެރެ ދިވެހި ސިފައިން މި އުޅަނދު އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން ތުރުކީވިލާތުގައި ދިވެހި ސިފައިން ތަމްރީނު ވަމުންދާ ކަމަށެވެ.
މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފު ކުރެވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަން ޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމަށް ރައީސް ކަނޑައަޅުއްވާފައިވާ ދަނޑުދަނޑިއަށް ވާސިލުވުމަށް ނެގުނު މުހިންމު ފިޔަވަޅެއް ކަމުގައި ވެސް ދިފާޢީ ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.