ENGLISH
13 އޭޕްރީލު 2025
ދޮށީގެ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް ނ. އަތޮޅުގައި އަޅައިފި
12 އޭޕްރީލު 2025
|
ނ މާފަރު ބޭރުގައި އަޅާފައިވާ ކަނދުފަތި--ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
ރާއްޖޭގެ އިތުރު ސަރަހައްދެއްގައި ކަނދުފައްޗެއް އަޅައިފިއެވެ.
ދޮށީގެ މަސްވެރިކަމަށް ޚާއްސަ މި ކަނދުފަތި އަޅައިފައިވަނީ ނ. އަތޮޅު މާފަރު އިރުން 9.5 މޭލު ބޭރުގައެވެ.
މާފަރު ބޭރުގައި އެޅި މި ކަނދުފަތީގެ ނަންބަރަކީ E10D01-02 އެވެ. މާފަރު ކަނދުފައްޗަކީ ނ. އަތޮޅުގައި ދޮށީ މަސްވެރިކަމަށް ހާއްސަކޮށް އޮންނަ ހަމަ އެކަނި ކަނދުފައްޗެވެ. މާފަރު ބޭރުގައި އެޅި މިކަނދުފައްޗަކީ ކުރިން ބޭނުންކުރަމުން އައި ކަނދުފަތީގެ ބަދަލުގައި އެޅި ކަނދުފައްޗެކެވެ. ކުރީގެ ކަނދުފަތި އޮތީ މާފަރު އިރުން 8.5 މޭލު ބޭރުގައެވެ.
ނ މާފަރު ބޭރުގައި ކަނދުފަތި އަޅާފަވާ ސަރަހައްދު--ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
ނ. އަތޮޅުގައި 2023 ވަނަ އަހަރު ސްޕޯޓްސް ފިޝިންއަށް ހާއްސަ 2 ކަނދުފަތި ގާއިމުކޮށްފައި ވެއެވެ. އެއީ، ކެނދިކުޅުދޫގެ އިރުއުތުރުން 5 މޭލު ބޭރުގައި އަދި މަނަދޫގެ ދެކުނުން 5 މޭލު ބޭރުގައި އޮންނަ 2 ކަނދުފައްޗެވެ. މި ދެ ކަނދުފައްޗަކީ، ސްޕޯޓްސް ފިޝިންގްއަށް ހާއްސަ ކަނދުފަތިތައް ކަމުގައިވީނަމަވެސް، މަސްވެރިކަމާއި ބެހޭ އާންމު ގަވާއިދަށް އެންމެ ފަހުން ގެނައި އިސްލާހާގުޅިގެން މިކަނދުފަތިތައް ކައިރީގައިވެސް ދޮށީގެ މަސްވެރިކަން ކުރެވޭނެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތުކުރެއްވުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ.
ނ. މާފަރު ބޭރުގައި ކަނދުފަތި އެޅުމުގެ ތެރެއިން--ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
ކަނދުފަތިތަކަކީ އޮއެވާލީގައި މަސް އަޅާ އުސޫލުން މަސައްކަތްކުރާ އެއްޗެކެވެ. އަދި ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، ކަނދުފަތީގެ ކައިރިއަށް މަސް ޖަމާވެއެވެ. މިހެންވުމުގެ ސަބަބުން ކަނދުފަތީގެ ކައިރީގައި މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވެގެންދެއެވެ.
ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ހާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ވަދު މަސްވެރިކަމަށް ހާއްސަ ކަނދުފަތި ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ އަދި ހޯދަން ފަސޭހަވާ ގޮތަށް "ރީނދޫ" ކުލައިގައެވެ. މިކަނދުފަތިތައް ގާއިމްކުރަނީ ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައެވެ. ރާއްޖޭގައި މިވަގުތު އަޅާފައިވަނީ ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ 26 ކަނދުފައްޗެވެ.
ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ގާއިމުކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގަ ހުންނަ ތަނެވެ. މިކަމަށް އޮތް ޑިމާންޑްގެ ބޮޑުކަމުންނާއެކު، މި ސަރުކާރުން އަންނަނީ އުތުރުން ށ. ފުނަދޫގައި އަދި ދެކުނުން އައްޑޫގައި ކަނދުފަތި ގާއިމުކުރާ ސެންޓަރުތައް އެޅުމަށް މަސައްކަތް ކުރަމުންނެވެ.