ENGLISH

13 އޭޕްރީލު 2025

Advertisement

ސްޕޯޓްސް ފިޝިންގ އަށް ހާއްސަ ކަނދުފައްޗެއް ށ. އަތޮޅުގައި އަޅައިފި

12 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ށ. އަތޮޅުގައި އެޅި ކަނދުފަތި. ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ރާއްޖޭގެ އިތުރު ސަރަހައްދެއްގައި ވަދުނަނުގެ މަސްވެރިކަމަށް ހާއްސަ ކަނދުފައްޗެއް އަޅައިފިއެވެ.

މި ކަނދުފަތި އަޅާފައިވަނީ ށ. އަތޮޅު ނަލަންދޫގެ އިރުދެކުނުން 4 މޭލު ބޭރުގައެވެ. ކަނދުފަތީގެ ނަންބަރަކީ، D09V02 އެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން މިދިޔަ އަހަރު ވަނީ ށ. ފުނަދޫ ބޭރުގައި ވެސް ވަދުކަނދުފައްޗެއް އަޅާފައެވެ. އެ ކަނދުފަތި އޮންނަނީ އެރަށު އިރުން 4.5 މޭލު ބޭރުގައެވެ.

ނަލަންދޫ ބޭރުގައި ކަނދުފަތި އަޅާފައިވާ ސަރަހައްދު ދައްކުވައިދޭ ޗާޓު-- ފޮޓޯ/ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. 

މި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ވަދު ކަނދުފައްޗެވެ.

އެގޮތުން، ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ގައިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ހާއްސަ ކަނދުފަތިތަކެކެވެ.

ކަނދުފަތި އެޅުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ/ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތި އަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ. މިކަނދުފަތިތައް ހުންނަނީ ފަސޭހައިން ފެންނަގޮތަށް ރީނދޫ ކުލައިގައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތާރީހަށް ބަލާއިރު ވަދު ނަނުގެ މަސްވެރިކަމަކީ ދިވެހި މަސްވެރިކަމުގައި މުހިންމު ދައުރެއް އަދާކުރި މަސްވެރިކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު