ENGLISH

19 އޭޕްރީލު 2025

Advertisement

އޭޝިއަން ކަޕް ބޭއްވުމަށް އިންޑިއާ ހިމެނޭ ގޮތަށް ހަތް ބިޑެއް!

11 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

އޭޝިއަން ކަޕް ބޭއްވުމަށް ޝައުގުވެރިވާ ގައުމުތަކުގެ ތެރެއިން އޮސްޓްރޭލިއާ އާ ޗައިނާ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ދެހާސް އެއްތިރީސް ވަނަ އަހަރުގެ އޭޝިއަން ކަޕް ބޭއްވުމަށް އެދި އިންޑިއާ ހިމެނޭ ގޮތަށް ހަތް ބިޑެއް ހުށަހަޅާފައިވާ ކަމަށް އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ބުނެފިއެވެ.

އޭއެފްސީ އިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، މި ގައުމުތަކުގެ ތެރޭގައި 2004 ވަނަ އަހަރުގެ އޭޝިއަން ކަޕް ބޭއްވި ގައުމު ކަމަށްވާ، ޗައިނާ ނުހިމެނެއެވެ.

އެގޮތުން، މި މުބާރާތް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި؛ އޮސްޓްރޭލިއާ، އިންޑޮނޭޝިއާ، ކުވެއިތުގެ އިތުރުން މިހާތަނަށް އޭޝިއަން ކަޕް ބާއްވާފައިނުވާ ދެކުނު ކޮރެއާ ހިމެނެއެވެ.

އޭޝިއާ ބައްރުގެ ގައުމުތަކަށް ހާއްސަ މި މުބާރާތް އެންމެ ފުރަތަމަ 1956 ވަނަ އަހަރު ހޮންގކޮންގުގައި ބާއްވާފައިވާއިރު، 2031 ވަނަ އަހަރުގެ އޭޝިއަން ކަޕް ބޭއްވުމަށް ދެން ބިޑް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިތުރުން ކިރްގިސްތާނާއި، ތަޖިކިސްތާން އަދި އުޒްބެކިސްތާންގެ ޖޮއިންޓް ބިޑެއް ހުށަހަޅާފައިވެއެވެ.

މުޅިއެކު 24 ޓީމުގެ މެދުގައި ކުޅޭ މި މުބާރާތް ބާއްވާނެ ގައުމެއް ކަނޑައެޅިގެންދާނީ އަންނަ އަހަރު ބާއްވާ އޭއެފްސީގެ އަހަރީ ކޮންގްރެސްގައި ކަމަށް އެ އިދާރާ އިން ވަނީ ބުނެފައެވެ.

ދެހާސް އެއް ތިރީސް ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ބިޑް ހުށަހަޅާފައިވާ ގައުމުތަކުގެ ތެރެއިން އޮސްޓްރޭލިއާ އިން ވަނީ، 2015 ވަނަ އަހަރުގެ އޭޝިއަން ކަޕް ހޯސްޓްކޮށް، އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ.

ޔޫއޭއީ އިން 2019 ވަނަ އަހަރު މުބާރާތް ބޭއްވުމާއެކު، އެއީ ގަލްފް ސަރަހައްދުގައި ވިދިވިދިގެން ތިން ފަހަރު އޭޝިއަން ކަޕް ބޭއްވުމުގެ ފެށުމެވެ. އޭގެފަހުން، ޤަތަރުގައި 2023 ވަނަ އަހަރުގެ މުބާރާތް ބާއްވާފައިވާއިރު، ދެން އެންމެ އަވަހަށް އޮތް 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ހޯސްޓްކުރާނީ ސަޢޫދީ ޢަރަބިއްޔާ އިންނެވެ.

އެންމެ ފުރަތަމަ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕް ބޭއްވުމަށް އޭގެ ހަތަރު އަހަރު ކުރީން ކަނޑައެޅީ ޗައިނާގަ އެވެ. އެކަމަކު، އޭރު ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ސިއްހީ ސަބަބުތަކަކަށްޓަކައި ޗައިނާ އިން އެކަމާ ތަނާޒުލްވުމުން ޤަތަރަށް އެ ފުރުޞަދު ދިނެވެ.

ދެހާސް އެއްތިރީސް ވަނަ އަހަރުގެ އޭޝިއަން ކަޕް ބޭއްވުމަށް ދެން ބިޑްކޮށްފައިވާ ގައުމުތަކުގެ ތެރެއިން، އިންޑޮނީޝިއާގައި 2007 ވަނަ އަހަރުގެ މުބާރާތް ހޯސްޓްކުރިއެވެ. ކުވެއިތުން ވަނީ 1980 ވަނަ އަހަރުގެ މުބާރާތް ހޯސްޓްކޮށް، އެ ފަހަރުގެ ތަށި ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު