ENGLISH
18 އޭޕްރީލު 2025
ފްލިކް އެދުނީ ދެވަނަ ލެގުގައި ފަސޭހަ ނުކޮށްލުމަށް
10 އޭޕްރީލު 2025
|
ބާސެލޯނާގެ ކޯޗު، ފްލިކް. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބޮރޫޝިއާ ޑޯޓްމުންޑް އަތުން ބޮޑު މޮޅެއް ލިބިފައިވީ ނަމަވެސް، ދެވަނަ ލެގު ފަސޭހަކޮށްނުލުމަށާއި، ރަނގަޅަށް ފޯކަސްކުރުމަށް ބާސެލޯނާގެ ކޯޗު، ހަންސީ ފްލިކް ގޮވާލައިފިއެވެ.
ފްލިކް ވަނީ، އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން 4-0 ގެ ތަފާތަކުން ބާސެލޯނާ މޮޅުވި ނަމަވެސް، ސެމީ ފައިނަލުން ޖާގައެއް ކަށަވަރުނުވާ ކަމަށާއި، ދެވަނަ ލެގަށް ނުކުންނައިރު ސަމާލުވުމަށް ކުޅުންތެރިންނަށް ހަނދާންކޮށްދީފައެވެ.
ފްލިކް ބުނީ، އަންނަ ހަފްތާގައި ޖަރުމަނުގައި ޑޯޓްމުންޑާ ދެކޮޅަށް ބާސެލޯނާ އިން ނުކުންނައިރު ރޭގެ މެޗުގައި ހޯދި ބޮޑު މޮޅާއެކު އެއްވެސް ކަމެއް ފަސޭހަކޮށްލައިގެން ނުވާނެ ކަމަށެވެ.
"ނޫން، ނޫން، ނޫން، ނޫން...... އަދި އަހަރެމެން ކޮލިފައިނުވޭ! މި ކުޅިވަރުގައި ފަހުން ވާނެ ގޮތަށް ބުނާކަށް ނޭނގޭނެ،" ފްލިކް ބުންޏެވެ.
ބާސެލޯނާއާ ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ބާސެލޯނާ އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށްޓަކައި އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ދެއްކި ފަދަ ކުޅުމެއް ދެން ޖެހިގެން އޮތް ހަފްތާގައި ތަކުރާރު ކުރަންޖެހޭނެ ކަމަށާއި، އެއްވެސް ގޯހެއް ހަދައިގެން ނުވާނެ ކަމަށް ފްލިކް ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުން މެޗަކުން ބަލިވެފައިނުވާ ބާސެލޯނާ އަށް ރޭގެ މެޗުގައި މޮޅު ކަށަވަރުކޮށްދިނީ އެ ޓީމުގެ ފޯވާޑްލައިނުގައި ހިމެނޭ އެންމެ މުހިއްމު ތިން ކުޅުންތެރިންނެވެ. ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ ދެ ލަނޑު ޖެހިއިރު، ލަމީން ޔަމާލް އާއި ރަފީނިއާ ވެސް ގޯލެއް ކާމިޔާބުކުރިއެވެ.
މެޗަށް ފަހު ދެއްކި ވާހަކައިގައި ފްލިކް ވަނީ، އެ ޓީމުގެ ޑިފެންސްގައި ހިމެނޭ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފުކޮށްފައެވެ.
"ލެވަންޑޯސްކީ، ޔަމާލް އަދި ރަފީނިއާ، އެމީހުންނަކީ ވަރަށް ހުނަރުވެރި ކުޅުންތެރިން. އަދި މި ޓީމަށް އެމީހުންގެ މުހިއްމުކަން ބޮޑު، އަހަރެމެންގެ ޑިފެންސްގެ އިތުރުން ބެންޗުން އަރާ ކުޅުންތެރިންގެ މުހިއްމުކަން ކުޑައެއް ނޫން،" ފްލިކް ބުންޏެވެ.
ބާސެލޯނާގެ އަރައުހޯ (ކ)، ރަފީނިއާ، ލެވަންޑޯސްކީ އާއި ޔަމާލް (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ފްލިކް ބުނީ، ބެންޗުން އަރާ ކުޅުންތެރިންގެ ފަރާތުން ތަފާތު ދައްކާ ކަމަށާއި، މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭ ކުޅުންތެރިންނާ އެއް ފެންވަރެއްގެ ކުޅެވިދާނެކަން އެ ކުޅުންތެރިން ސާބިތުކޮށްދެމުން އަންނަ ކަމަށެވެ.
ސީޒަނުގެ މިހާ ހިސާބަށް އައިއިރު މިހާރުގެ މެޗު ތާވަލްއާ އެކު ހުރިހާ ކުޅުންތެރިން ވެސް މެޗުތަކަށް ނިކުންނައިރު ތާޒާކޮށް ތިބުމުގެ މުހިއްމުކަން އިންތިހާ އަށް ބޮޑު ކަމަށާއި، އެހެންކަމުން ރަނގަޅު ސްކޮޑެއް އޮންނަން ޖެހޭ ކަމަށް ވެސް ފްލިކް ފާހަގަކުރިއެވެ.
ފްލިކް ބުނީ، ރޭގެ މެޗުގައި ބާސެލޯނާ އިން ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވީ ނަމަވެސް ކުދިކުދި ގޯސްތައް ހެދިފައިވުމުން އެކަންކަން ރަނގަޅުކުރެވޭނެ ކަމަށެވެ. އަދި، ޑޯޓްމުންޑްގައި ތިބި ހަލުވި ކުޅުންތެރިންނާ ދެކޮޅަށް އޭނާގެ ޓީމުން ރަނގަޅު ޑިފެންސެއް ކޮށްފައިވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް ވެސް ފްލިކް ބުންޏެވެ.