ENGLISH
04 ޖޫން 2025
ރެއާލަށް ސެމީ އަށް ދިއުމުގެ ފުރުޞަތު އޮތީ ވަރަށް ބޮޑަށް ހަނިވެފައި: އަންޗެލޮޓީ
09 އޭޕްރީލު 2025
|
ރެއާލްގެ ކޯޗު، އަންޗެލޮޓީ. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލު ފަހަނައަޅައި، ރެއާލް މެޑްރިޑަށް ސެމީ އަށް ދިއުމުގެ ފުރުޞަތު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު، ކާލޯ އަންޗެލޯޓީ ބުނެފިއެވެ.
އަންޗެލޮޓީ މިހެން ބުނީ، އެ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އާސެނަލް އަތުން ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރޭގެ މެޗުގައި އާސެނަލްގެ ދަނޑުގައި 3-0 އިން ރެއާލް ބަލިވި ނަމަވެސް، އެ ޓީމުގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގައި ނަތީޖާ އަނބުރާލުމުގެ ގާބިލްކަން އޭނާގެ ޓީމަށް ލިބިފައިވާ ކަމަށް ވެސް އަންޗެލޮޓީ ފާހަގަކުރިއެވެ.
"އާންމުކޮށް މި ޓީމުން މެޗުގެ ފަހުބައިގައި ކުޅުން ރަނގަޅުކުރޭ،" އަންޗެލޮޓީ ބުންޏެވެ.
އެހެންނަމަވެސް، ރޭގެ މެޗުގައި އޭނާގެ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށާއި، އެއީ ލިބުނު ބޮޑު ހިތާމައެއްގެ ގޮތުގައި އަންޗެލޮޓީ ސިފަކުރިއެވެ.
މެޗަށްފަހު ރެއާލްގެ ފޯވާޑް، އެމްބާޕޭ މާޔޫސްވެފަ. --ފޮޓޯ: ރޮއިޓާސް
އަންނަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗުގައި ނަތީޖާ އަނބުރާލަން ކުރެވެން ހުރި ކަމެއް ކުރަންޖެހޭނެ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.
ދެވަނަ ލެގުގެ މެޗު ކާމިޔާބުކޮށްގެން އަނެއް ބުރަށް ދެވެން އޮތީ، މިހާރަށްވުރެ ކުޅުން ބޮޑުތަނުން ރަނގަޅުކޮށްގެން ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފައެވެ. އެކަމަކު، ރޭގެ މެޗުގައި ބައެއް ވަގުތުތަކުގައި އޭނާގެ ޓީމުގެ ކުޅުން މުޅިން ގޯހެއް ނޫން ކަމަށް އަންޗެލޮޓީ ފާހަގަކުރިއެވެ.
ރެއާލަށް ސެމީ އަށް ދިއުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އާސެނަލުން ސަމާލުވެ ތިބުމަށް އަންޗެލޮޓީ ގޮވާލި އެވެ.
"އަނެއް ބުރަށް ދިއުމުގެ ފުރުޞަތު ވަރަށް ހަނި. އެކަމަކު، އަހަރެމެންގެ ސަތޭކަ ޕަސެންޓް ދޭނަން،" އަންޗެލޮޓީ ބުންޏެވެ.
ރޭގެ މެޗުގައި އާސެނަލްގެ ރައިސް (ވ) ހިލޭޖެހުމަކުން ބޯޅަ ގޯލަށް ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް
ކުރިއަށް އޮތް މެޗަކީ، ފުރަތަމަ ލެގުގެ މެޗަށް ރައްދުގައި ރަނގަޅު ޖަވާބެއް ދިނުމަށް ލިބިފައިވާ ފުރުޞަތެއް ކަމަށްވުމުން އޭނާގެ ޓީމުން އެކަން ކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތެއް ކުރަންޖެހޭ ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފައެވެ.
އަދި، ރޭގެ މެޗަށް ބަލާއިރު އޭނާގެ ޓީމަށް ފުރުޞަތެއް ނެތް ނަމަވެސް، ފުޓްބޯޅަ އަކީ ބަދަލުވަމުންދާ އެއްޗެއް ކަމަށާއި، ސެޓްޕީސްތަކުން ރައިސް ދެ ގޯލް ޖަހާނެ ކަމަށް އެއްވެސް މީހަކު ހީނުކުރާނެ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.
އަންޗެލޮޓީ ބުނީ، ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ވެދާނެ ކަމަށާއި، އޭނާގެ ޓީމުން އެކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި، ރެއާލުން އިތުބާރާއެކު ދެވަނަ ލެގަށް ކުރިމަތިލާންޖެހެނީ މީގެކުރީން ވެސް އަމިއްލަ ދަނޑުގައި އެފަދަ ކާމިޔާބީތައް ހާސިލްކޮށްފައިވުމުން ކަމަށް އަންޗެލޮޓީ ބުންޏެވެ.