ENGLISH

10 މޭ 2025

Advertisement

ރައިސްގެ ތާރީޚީ ދެ ގޯލާއެކު ރެއާލް އަތުން އާސެނަލް މޮޅުވެއްޖެ

09 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

އާސެނަލަށް ލަނޑުޖަހައިދިނުމަށްފަހު ރައިސް (ކ) އާއި މެރީނޯ އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއަރ ލީގު.ކޮމް

އިނގިރޭސި މިޑްފީލްޑަރު، ޑެކްލަން ރައިސް ވައްދާލި ދެ ހިލޭޖެހުމުގެ އެހީގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑް އަތުން 0-3 އިން އާސެނަލް މޮޅުވެއްޖެއެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް އާސެނަލުން ކާމިޔާބުކުރީ ފަހު ހާފުގައެވެ.

އާސެނަލްގެ ފުރަތަމަ ލަނޑު، 58 ވަނަ މިނެޓުގައި ހިލޭޖެހުމަކުން ރައިސް ކާމިޔާބުކޮށްދިންއިރު، އޭގެފަހުން މެޗުގެ 70 ވަނަ މިނެޓުގައި އިތުރު ހިލޭޖެހުމެއްގެ އެހީގައި ރައިސް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލައިފައެވެ. މި ދެ ގޯލުގައި ވެސް ރެއާލްގެ ގޯލްކީޕަރު، ތިބައު ކޯޓުއާ މާބޮޑު މަސައްކަތެއް ނުކުރެވުނެވެ.

އަދި، އޭގެފަހުން މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅައަކުން މިކޭލް މެރީނޯ ވަނީ އާސެނަލްގެ ތިންވަނަ ލަނޑުޖަހައިދީފައެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރެއާލްގެ ފްރާންސް މިޑްފީލްޑަރު، އެޑުއާޑޯ ކަމަވިންގާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އެ ޓީމުން ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މި މެޗުގައި ޖެހި ދެ ގޯލާއެކު ރައިސް ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގެ ތެރެއަށް ޖެހިލައިފައެވެ. އޭނާ ވަނީ އެ މުބާރާތުގެ ނޮކްއައުޓް ބުރުގެ މެޗެއްގައި ހިލޭޖެހުމަކުން ދެ ގޯލް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

މުބާރާތުގެ ކުއާޓާގެ ދެވަނަ ލެގުގައި އާސެނަލްއާ ރެއާލް ބައްދަލުކުރާ މެޗު އޮތީ މި މަހުގެ 17 ވާ ބުރާސްފަތި ދުވަހު އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރެއާލްގެ ސެންޓިއާގޯ ބާނެބެއު ގައެވެ.

ކިޔުންތެރިންގެ ހިޔާލު