ENGLISH

10 މޭ 2025

Advertisement

ބަޔާން ކޮޅަށް ފްރަޓޭސީ ޖެހި ގޯލު، ޚާއްސަކުރީ މާމައަށް

09 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ބަޔާން ކޮޅަށް ލަނޑުޖެހުމަށްފަހު އިންޓަރގެ ފްރަޓޭސީ އުފާ ފާޅުކުރަނީ. --ފޮޓޯ: ބީއިންސްޕޯޓްސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ބަޔާން މިއުނިކު އަތުން 2-1 ގެ ނަތީޖާއަކުން އިންޓަރ މިލާން މޮޅުވިއިރު، އެ ޓީމު މޮޅުވި ލަނޑު ޖަހައިދިން ޑަވިޑޭ ފްރަޓޭސީގެ ގޯލު، ދާދިފަހުން ނިޔާވި އޭނާގެ މާމައަށް ޚާއްސަކޮށްފިއެވެ.

އިޓަލީގެ މިޑްފީލްޑަރު، ފްރަޓޭސީގެ މާމަ ނިޔާވީ، ރޭގެ މެޗު ކުޅުމުގެ އެއް ދުވަސްކުރީންނެވެ. އެހެންކަމުން، ރޭގެ މެޗުގެ ފަހު ހާފުގައި ކުޅެން ނިކުމެ ލަނޑުޖަހައި، ފްރަޓޭސީ ވަނީ މާމަ އަކީ އޭނާގެ ހަޔާތުގައި އެންމެ ގާތް ގުޅުމެއް އޮތް ފަރާތަކަށްވުމުން އެ ގޯލު ޚާއްސަކޮށްފައެވެ.

ބަޔާންގެ އެލިއާންޒް އެރީނާގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް، އިންޓަރ ލީޑު ނެގީ ކެޕްޓަން، ލަޓާރޯ މާޓިނޭޒްގެ ގޯލުންނެވެ.

މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ބަޔާނަށް އެއްވަރުކޮށްދިނީ ތޯމަސް މުލާ އެވެ. އަދި، އޭގެފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައިވަނިކޮށް، ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ފަހު ހާފުގައި ކުޅެން ނިކުތް ފްރަޓޭސީ ވަނީ އެ ޓީމުގެ ފުލްބެކް ކާލޯސް އަގުސްޓޯ ނަގައިދިން ހުރަހެއްގެ އެހީގައި އިންޓަރ މޮޅުކޮށްދީފައެވެ.

މި މެޗުން ބަޔާން އަތުން ހޯދި މޮޅާއެކު އިންޓަރ ވަނީ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށް، 'ޓްރެބަލް' ހާސިލްކުރުމުގެ އުއްމީދު ބޮޑުކޮށްފައެވެ. އެ ޓީމުން ލީގުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑަކާއެކު އޮތްއިރު، އިޓާލިއަން ކަޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ. އަދި، ރޭގެ މެޗުން މޮޅުވެ، ޗެމްޕިއަންސް ލީގުގެ ސެމީ އިން ޖާގަ ހޯދުމާ ގާތަށް ވަނީ ޖެހިލައިފައެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާގެ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 17 ވާ ބުރާސްފަތި ދުވަހު އެވެ. މި މެޗު ކުޅޭނީ އިންޓަރގެ ސެން ސީރޯ ގައެވެ.

ކިޔުންތެރިންގެ ހިޔާލު