ENGLISH

10 މޭ 2025

Advertisement

ޕީއެސްޖީ އަކީ ފޭވަރިޓެއް ނޫން: އެންރީކޭ

09 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ޕީއެސްޖީގެ ކޯޗު، އެންރީކޭ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ނިކުތުމަށް ތައްޔާރުވަމުންދާއިރު ޕީއެސްޖީއަކީ އެ މެޗުގެ ފޭވަރިޓެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު، ލުއިސް އެންރީކޭ ބުނެފިއެވެ.

އެންރީކޭ މިހެން ބުނީ، މެޗުގެކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"ލިވަޕޫލާ ދެކޮޅަށް ގަދަ 16 ގެ ބުރުގައި ކުޅުނުއިރު އަހަރެމެންނަށް އެއްވެސް ފުރުޞަތެއް ނެތް ކަމަށް މެޗުގެ ކުރީން ގިނަ ބަޔަކު ބުނި،" އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ، ފުޓްބޯޅައިގައި ފޭވަރިޓުން ނުތިބޭނެ ކަމަށާއި، ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ 8 ޓީމަކީ ވެސް އެކަން ހައްގު ޓީމުތައް ކަމަށެވެ. އަދި، އޭނާގެ ޓީމުން ވެސް މެޗުން ހައްގު މޮޅު ހޯދުމަށްޓަކައި އެކަން ދަނޑުމަތީގައި ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެންރީކޭ ބުންޏެވެ.

މީގެކުރީން، 2016 އިން 2018 އާ ދެމެދު ޕީއެސްޖީގެ ކޯޗުކަން ކޮށްފައިވާ އެސްޓަން ވިލާގެ މިހާރުގެ ކޯޗު، އުނާއި އެމެރީއާ ދެކޮޅަށް ނުކުތުމަށް ހަމަޖެހިފައިވާ މެޗާ ގުޅޭގޮތުން ދެއްކި ވާހަކައިގައި އެންރީކޭ ވަނީ، އެމެރީ އަށް ތައުރީފުކޮށްފައެވެ.

އެމެރީ އަކީ މޮޅު ކޯޗެއް ކަމަށާއި، އެސްޓަން ވިލާ އިން މިދިޔަ ދެ އަހަރުގެ ތެރޭގައި ހޯދަމުންއައި ކުރިއެރުމުގައި އޭނާގެ ވަރަށް ބޮޑު ދައުރެއްވާ ކަމަށް ވެސް އެންރީކޭ ފާހަގަކުރިއެވެ.

އެސްޓަން ވިލާ އާއި ޕީއެސްޖީގެ ވަރަށް ގިނަ ކަންތައްތައް އެއްގޮތް ކަމަށާއި، އެކި މަގާމުތަކަށް ކުޅެވޭ ގިނަ ކުޅުންތެރިން ދެ ޓީމުގައި އެބަތިބި ކަމަށް ވެސް އެންރީކޭ ބުންޏެވެ. އަދި، އެންމެ ފަހުގެ ޓްރާންސްފަރ ބާޒާރުގައި ގެނައި ކުޅުންތެރިންގެ ސަބަބުން އެސްޓަން ވިލާ ވަރުގަދަވެފައިވުމާއެކު ފުރަތަމަ އެގާރައިގައި ކުޅޭނީ ކޮން ކުޅުންތެރިއެއްކަން ބުނަން އުނދަގޫ ކަމަށް ވެސް އެންރީކޭ ވަނީ ބުނެފައެވެ.

ޕީއެސްޖީން މި ފަހަރުގެ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވީ ނަމަވެސް، އެސްޓަން ވިލާ މެޗަށް އޮތް ފޯކަސް ގެއްލުވާނުލާނެ ކަމަށް ވެސް އެންރީކޭ ބުންޏެވެ. އަދި، އެ މެޗުގައި ވަރުގަދަ ޕީއެސްޖީއެއް ފެނިގެންދާނެ ކަމަށާއި، މިހާރުވެސް ކުޅެމުން އަންނަ ހަލުވިމިނުގައި އެއްގޮތަކަށް ނުވަތަ އެއަށްވުރެ ވަރުގަދަކޮށް ފެންނާނެ ކަމުގެ ޔަގީންކަން އެންރީކޭ ދިނެވެ.

އެސްޓަން ވިލާއާ ދެކޮޅަށް ޕީއެސްޖީގެ ކެޕްޓަން، މާކީނޯސް އަށް ނުކުޅެވުނަސް އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށާއި، ކޮންމެ ކުޅުންތެރިއަކަށް ނުކުޅެވުނަސް ޓީމެއްގެ ގޮތުގައި ކުޅެ ނަތީޖާ ނެރޭނެ ކަމަށް އެންރީކޭ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު