ENGLISH
10 މޭ 2025
އާސެނަލް ނުކުންނަނީ ރެއާލް ބަލިކޮށް ސެމީ އަށް ދިއުމުގެ އުއްމީދުގައި
08 އޭޕްރީލު 2025
|
އާސެނަލްގެ ކޯޗު، އާޓޭޓާ. --ފޮޓޯ: ރޮއިޓާސް
ދެހާސް ނުވަވަނަ އަހަރުގެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށް، ތާރީޚު ބަދަލުކޮށްލަން ބޭނުންވާ ކަމަށް އާސެނަލްގެ ކޯޗު، މިކޭލް އާޓޭޓާ ބުނެފިއެވެ.
އާޓޭޓާ މިހެން ބުނީ، އެ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ރެއާލާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ރެއާލުން މިހާތަނަށް ރެކޯޑް 15 ފަހަރަށް ޗެމްޕިއަންކަން ހޯދާފައިވާއިރު، 2009 ވަނަ އަހަރުން ފެށިގެން އެ ޓީމު ވަނީ ހަ ފަހަރު އެ ޓްރޮފީ އުފުލާލައިފައެވެ. މި މުއްދަތުގެ ތެރޭގައި އާސެނަލަށް ސެމީއާ ހިސާބަށް ދެވިފައިނުވާއިރު، މިހާތަނަށް ފައިނަލުގައި ކުޅުނު ހަމައެކަނި ފަހަރުގައި ރެއާލްގެ ވާދަވެރި ބާސެލޯނާ އަތުން 2006 ވަނަ އަހަރު ވަނީ ބަލިވެފައެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ބަޔާން މިއުނިކް އަތުން ބަލިވެ، ކުއާޓާއާ ހިސާބުން ވަކިވާންޖެހުނު އާސެނަލްގެ ކުޅުންތެރިންނަށް އާޓޭޓާ ވަނީ، އެއް ރޫހެއްގައި ހިތްވަރާއެކު މި ފަހަރުގެ މުބާރާތުގެ މުހިއްމު މެޗާ ކުރިމަތިލުމަށް ގޮވާލައިފައެވެ.
"އެއީ، ދުނިޔޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދާ ކުލަބެއް،" އާޓޭޓާ ބުންޏެވެ.
އާޓޭޓާ ބުނީ، އޭނާގެ ޓީމު ބޭނުންވަނީ މިސާލެއްގެ ގޮތުގައި ރެއާލް ނަގަން ކަމަށާއި، ބޭނުންވާނީ އެ ލެވެލްގައި ދެމިއޮންނަން ކަމަށެވެ.
އާސެނަލުން އަމިއްލަ ތާރީޚެއް ލިޔަން އެބަޖެހޭ ކަމަށާއި، ރަނގަޅަށް ފޯކަސް ކުރަންޖެހޭނެ ކަމަށް ވެސް އާޓޭޓާ ބުންޏެވެ.
ރެއާލާމެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށާއި، ހަމައެގޮތަށް އާސެނަލުން ވެސް އެ ޓީމަށް އުނދަގޫތައް ކުރިމަތިކުރުވިދާނެ ކަމަށް ވެސް އާޓޭޓާ ފާހަގަކުރިއެވެ.
ރެއާލާ ދެކޮޅަށް އޭނާގެ ޓީމަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމުގެ ޔަގީންކަމާއެކު، އެ އުއްމީދުގައި ނިކުތުމަށް ވެސް އާޓޭޓާ ގޮވާލިއެވެ. އަދި، މިރޭގެ މެޗަކީ ފުރަތަމަ ލެގަށް ވީނަމަވެސް އެ މެޗަށް ނިކުންނާނީ ވެސް ކާމިޔާބުކުރުމަށް އަމާޒުހިފައިގެން ކަމަށް ވެސް އާޓޭޓާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ އާސެނަލާ ރެއާލް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން މެންދަމު 12 ޖަހާއިރު އެވެ.