ENGLISH
17 އޭޕްރީލު 2025
ޕްރީ-ސީޒަންގައި ޔުނައިޓެޑުން އޭޝިއާ ޓުއާ އަކަށް
08 އޭޕްރީލު 2025
|
ޔުނައިޓެޑްގެ މިދިޔަ އަހަރުގެ ޕްރީ-ސީޒަންގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް
މިފަހަރުގެ ފުޓްބޯޅަ ސީޒަން ނިމުމުން މެންޗެސްޓަރ ޔުނައިޓެޑުން އޭޝިއާގެ ޓުއާ އަށް މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.
އެގޮތުން، ކުރިއަށް އޮތް މެއި މަހު، ސީޒަން ނިމުމާއެކު މެލޭޝިއާ އާއި ހޮންކޮންގުގެ ޓީމުތަކާއެކު ޔުނައިޓެޑުން މެޗުތަކެއް ކުޅޭނެ އެވެ.
ޔުނައިޓެޑުން އަންނަ މެއި މަހުގެ 28 ގައި މެލޭޝިއާގެ ކުއަލާ ލަމްޕޫރުގައި އާސިއާން އޯލް ސްޓާރސްއާ ދެކޮޅަށް ކުޅުމަށްފަހު، ދެ ދުވަސް ފަހުން ހޮންކޮންގުގައި މެޗެއް ކުޅޭނެ އެވެ.
ޔުނައިޓެޑުން އޭޝިއާއަށް ދަތުރުކުރާނީ މެއި މަހުގެ 25 ގައި އެސްޓަން ވިލާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށްފަހުގައި ކަމަށް އެ ކުލަބުން ބުނެއެެވެ.
އެއަށްފަހު، ޖެހިގެން އޮތް ހަފްތާގައި ބައިނަލްއަގުވާމީ މެޗުތަކަށް ޔުނައިޓެޑްގެ ކުޅުންތެރިން ގައުމީ ޓީމުތަކާ ގުޅެން ވަނީ ހަމަޖެހިފައެވެ. އެނބުރި ކުލަބާއެކު ޕްރީ-ސީޒަންގެ މެޗުތައް ފަށާނީ ޖުލައި މަހުގެ 26 އިން އޮގަސްޓް 3 ގެ ނިޔަލަށެވެ. އެއީ އެމެރިކާގައި ކުރިއަށްދާ ޕްރިމިއަރ ލީގުގެ ކުލަބުތަކުގެ މެދުގައި ބާއްވާ މުބާރާތް ނިމުމުންނެވެ.
ޔުނައިޓެޑުން އެންމެ ފަހުން މެލޭޝިއާގައި ކުޅެފައިވަނީ 2009 ގައެވެ. އަދި، އެ ކުލަބުން ހޮންގކޮންގަށް އެންމެ ފަހުން ޒިޔާރަތްކުރީ 2013 ގައެވެ. ޔުނައިޓެޑްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މެލޭޝިއާގައި ތިބޭއިރު، މެލޭޝިއަން އެއަރލައިންސް އަކީ އެ ކުލަބުގެ ރަސްމީ ޕާޓްނަރެކެވެ.
ޔުނައިޓެޑްގެ އޭޝިއާ ދަތުރުން ގާތްގަނޑަކަށް 10 މިލިއަން އެމެރިކާ ޑޮލަރު (7.8 މިލިއަން ޕައުންޑް) ގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.