ENGLISH
10 އޭޕްރީލު 2025
ޢީދު ބައިބަލާ ޗެލެންޖް 1446 ގެ ޗެމްޕިއަންކަން ޓީއެފްޓީން ހޯދައިފި
07 އޭޕްރީލު 2025
|
ޢީދު ބައިބަލާ ޗެލެންޖްގެ ޗެމްޕިއަންކަން ހޯދީ ޓީއެފްޓީ. --ފޮޓޯ: ސިޑިބަރި
ފިޠުރު ޢީދުގެ މުނާސަބަތުގައި ބޭއްވީ "ޢީދު ބައިބަލާ ޗެލެންޖް 1446" ގެ ޗެމްޕިއަންކަން ޓީއެފްޓީން ހޯދައިފިއެވެ.
މިއީ ޓީއެފްޓީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ޓީމު މި މުބާރާތުގައި ވާދަކުރި ތިންވަނަ ފަހަރެވެ.
ނޮކްއައުޓް އުސޫލުން ކުރިއަށްދިޔަ މި އަހަރުގެ މުބާރާތުގައި 29 ޓީމުން ވާދަކުރިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށްދިޔަ މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު ކުޅުނީ ރެއެވެ.
ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފު އެވެ. އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވެސް ރޭގެ ފައިނަލް މެޗު ބައްލަވާލެއްވިއެވެ.
ފައިނަލުގައި ޓީއެފްޓީން ވަނީ ލޮރެންޒޯ ސްޕޯޓްސް ކުލަބު އަތުން މޮޅުވެފައެވެ. ޓީއެފްޓީން ވަނީ ފުރަތަމަ ގޭމް ކާމިޔާބުކޮށް، ފަހު ގޭމް އެއްވަރުކޮށްފައެވެ.
ޓީއެފްޓީން ވަނީ ސެމީގައި މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް، ކުލަބު ކާސިންޖީ ބަލިކޮށްފައެވެ. ޓީއެފްޓީން ވަނީ އެ މެޗުގެ ފުރަތަމަ ގޭމް ކާމިޔާބުކޮށް، ފަހު ގޭމް އެއްވަރުކޮށްފައެވެ.
ލޮރެންޒޯ ފައިނަލަށް ދަތުރުކުރީ، ސެމީގައި ގަދަހިފުމަކަށްފަހު ބައިބަލާ މުބާރާތުގައި އަލަށް ވާދަކުރި ޒެޕޯ ބަލިކުރުމަށްފަހު އެވެ.