ENGLISH
08 އޭޕްރީލު 2025
ލިވަޕޫލްގެ ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް
06 އޭޕްރީލު 2025
|
ލިވަޕޫލް ކޮޅަށް ލަނޑުޖެހުމަށްފަހު ފުލަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު މެޗުގައި ފުލަމް އަތުން 3-2 އިން ބަލިވެ، ލިވަޕޫލުން ދަމަހައްޓަމުންއައި ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ.
މި މެޗަށް ނިކުތްއިރު ލިވަޕޫލުން ވަނީ ލީގުގައި މިހާތަނަށް ބަލިނުވެ 26 މެޗު ފުރިހަމަކޮށްފައެވެ. ލީގުގައި އެ ޓީމު އެންމެ ފަހުން ބަލިވެފައިވަނީ މިދިޔަ ސެޕްޓެންބަރު މަހު ނޮޓިންގހަމް ފޮރެސްޓް އަތުންނެވެ.
ކްރޭވަން ކޮޓެޖުގައި ކުޅުނު މެޗުގައި ލިވަޕޫލުން ލީޑު ނަގާފައިވަނިކޮށް، ފުލަމް ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑުޖަހައިފައެވެ.
މެޗުގައި ފުލަމްގެ ލަނޑުތައް ޖަހައިދިނީ ރަޔާން ސެސެންޔޯން، އަލެކްސް އިވޯބީ އަދި ރޮޑްރިގޯ މުނީޒް އެވެ. ލިވަޕޫލަށް ލަނޑުޖަހައިދިނީ އަލެކްސިސް މެކްއެލިސްޓާ އާއި ލުއިސް ޑިއާޒް އެވެ.
މި ނަތީޖާއާއެކު، ލިވަޕޫލް އަދިވެސް އުޅެނީ އެއްވަނައިގައެވެ. އެ ޓީމަށް 31 މެޗުން ލިބިފައިވަނީ 73 ޕޮއިންޓެވެ. ދެވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. ނޮޓިންގހަމް ފޮރެސްޓް ތިންވަނައިގައި އޮތީ 57 ޕޮއިންޓާއެކު އެވެ.
މި މޮޅާއެކު ފުލަމް ވަނީ ޔޫރަޕުން ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފައެވެ. އެ ޓީމު އޮތީ 48 ޕޮއިންޓާއެކު 8 ވަނައިގައެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބްރެންޓްފޯޑްގެ ދަނޑުގައި އެ ޓީމުން ވަނީ 0-0 އިން ޗެލްސީއާ އެއްވަރުކޮށްފައެވެ.