ENGLISH
08 އޭޕްރީލު 2025
"އެލް ކްލަސިކޯ"، ފުރަތަމަ ފަހަރަށް މިރޭ އިންޑިޔާގައި
06 އޭޕްރީލު 2025
|
އިންޑިޔާގައި ކުޅެވޭ "އެލްކްލަސިކޯ" މެޗުގެ ޕޯސްޓަރެއް. --ފޮޓޯ: ޑިސްޓްރިކްޓް.އައިއެން
ދުނިޔޭގެ ކުލަބު ފުޓުބޯޅައިގައި ކުޅެވޭ އެންމެ ފޯރިގަދަ، އެންމެ ގިނަބަޔަކު ބަލާ މެޗު ކަމަށްވާ "އެލް ކްލަސިކޯ" ގެ މެޗެއް މިރޭ އިންޑިޔާގައި ކުޅޭނެއެެވެ.
ދުނިޔޭގެ އެންމެ ކާމިޔާބު ދެ ފުޓުބޯޅަ ކުލަބުގެ ގޮތުގައި ގިނަބަޔަކު ދެކޭ، ސްޕެެއިންގެ ރެއާލް މެޑްރިޑް އަދި ބާސެލޯނާ ބައްދަލުކުރާ މި ފޯރިގަދަ މެޗު ކުޅުމަށްހަމަޖެހިފައި ވަނީ، ނަވީ މުމްބާއިގެ ޑީވައި ޕާޓިލް ފުޓްބޯލް ސްޓޭޑިއަމްގައެވެ.
ލުއިސް ފިގޯ އަދި ކާލޮސް ޕުޔޯލްގެ ޒުވާންދުވަސްވަަރުގެ ކުރިމަތިލުމެއް--ފޮޓޯ:ގެޓީ އިމޭޖްސް
މި މެޗުގައި މެޑްރިޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅޭނީ، 2000 ވަނަ އަހަރުގެ ބެލޮންޑިއޯ އަދި 2001 ވަނަ އަހަރު ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައިވާ ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ލުއިސް ފިގޯއެވެ. ބާސެލޯނާގެ ކެޕްޓަނެއްގެ ގޮތުގައި ފެނިގެންދާނީ، 2008 ވަނަ އަހަރުގެ ޔޫރޯ އަދި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ސްޕެއިނަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެެއް އަދާކުރި، ބާސެލޯނާ އަދި ސްޕެއިންގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ކުރީގެ އިތުބާރު ޑިފެންޑަރު ކާލޮސް ޕުޔޯލްއެވެ.
"ލެޖެންޑްސް ފޭސްއޯފް" ގެ ނަމުގައި ކުޅޭ މި މެޗުގައި މުޅިންވެސް ފެނިގެންދާނީ، ދެ ކުލަބަށް ނިސްބަތްވާ ކުރީގެ މަޝްހޫރު ކުޅުންތެރިންނެވެ. މި މެޗުގައި ބައިވެރިވާ ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންގެ ތެރޭގައި 1999 ވަނަ އަހަރުގެ ބެލޮންޑިއޯ އަދި ފީފާއިން ހޮވާ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ، 1999 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އަދި 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލްގެ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ރިވާލްޑޯ ހިމެނެއެވެ. އަދި 2001 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑު ކާމިޔާބުކުރި، އިންގްލެންްޑުގެ މައިކަލް އޮވެން ވެސް މި މެޗުގައި ކުޅޭނެއެެވެ.
މީގެ އިތުރުން ވެސް މެޑްރިޑް އަދި ބާސެލޯނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ގިނަ ކުޅުންތެރިންތަކެއް މެޗުގައި ފެނިގެންދާނެއެވެ. ބާސެލޯނާއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރޭގައި، ފުޅުބޯޅައިގެ ތާރީޚުގައި އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ޒަވީ ހަނާންޑޭޒް، ހާވިއާ ސަވިއޯލާ، ހޯސޭ އެޑްމިލްސަން އަދި ޕެޓްރިކް ކުލައިވަޓް ފާހަގަ ކުރެވެއެވެ. މެޗުގައި މެޑްރިޑުގެ ޖާޒީގައި ފެނިގެންދާނެ ކުޅުންތެރިންގެ ތެރޭގައި ކިކޯ ކަސިލާ، 2003 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ޓޮޕް ސްކޯރާ ފެނާންޑޯ މޮރިއަނަޓަސް އަދި މެޑްރިޑާއެކު ތިން ޗެމްޕިއަސް ލީގާއި ދެ ކުލަބު ވޯލްޑްކަޕް ކާމިޔާބުކޮށް، ޕޯޗުގަލްއާ އެކު 2016 ޔޫރޯ ހޯދި ޕެޕޭ ވެސް ހިމެނެއެވެ.
ދެޓީމުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުުމުގައި ބައިވެރިވި ކުޅުންތެރިން--ފޮޓޯ:އޭއެންއައި
ލެޖެންޑުންގެ "އެލް ކްލަސިކޯ" ގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދެ ޓީމުގެ ފަރާތުން ބައިވެރިވި ކުޅުންތެރިން ބުނީ "އެލް ކްލަސިކޯ" ގެ ކޮންމެ މެޗަކުން ވެސް އާދަޔާ ޚިލާފު ވާދަވެރިކަމެއް ފެނިގެންދާނެ ކަމަށާއި މެޗުގެ ސަބަބުން އިންޑިޔާގައި ފުޓުބޯޅައިގެ މަގުބޫލުކަން އިތުރުވާނެކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ފުޓުބޯޅަ ތަރައްގީކުރުމަށް ކުރާ އިންވެސްޓްމެންޓްތައް އިތުރުވެ އިންޑިޔާގެ ފުޓުބޯޅައިގެ މުސްތަގުބަލު އުޖާލާ ވެގެންދާނެ ކަމަށް ވެސް އުއްމީދު ކުރާކަމުގައެވެ.
މި ޚާއްސަ މެޗު އިންތިޒާމުކުރާ "ދަ ސްޕޯޓްސް ފްރޮންޓް" ގެ ސީއީއޯ ޖޯން ޒައިދީ ވިދާޅުވީ އިންޑިޔާގައި ފުރަތަމަ ފަހަރަށް "އެލް ކްލަސިކޯ" އެއް ބޭއްވިގެންމިދަނީ އަހަރުތަކަކަށް ދެމިގެންދިޔަ މަސައްކަތްތަކަކަށް ފަހު ކަމަށެވެ. އަދި މި މެޗަކީ އިންޑިޔާގެ ކުޅިވަރުގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ މެޗެއް ކަމުގައެވެ.
އަވައްޓެރި އިންޑިޔާގެ ނަވީ މުމްބާއީގައި ކުޅެވޭ މި މެޗު ފަށާނީ، ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގައެވެ. މި މެޗު އައިސްޓީވީން ލައިވްކޮށް ދައްކާގޮތަށް ވަނީ ހަމަޖެހިފައެެވެ.