ENGLISH
11 އޭޕްރީލު 2025
ޢީދު ބައިބަލާ ޗެލެންޖްގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ!
04 އޭޕްރީލު 2025
|
ޢީދު ބައިބަލާ ޗެލެންޖްގައި ބީޖީ ސްޕޯޓްސްއާއި ޓީނޭޖް ޖޫނިއާސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ފިޠުރު ޢީދުގެ މުނާސަބަތުގައި ބާއްވާ "ޢީދު ބައިބަލާ ޗެލެންޖް 1446" ގެ ކުއާޓާ ފައިނަލުގައި ވާދަކުރާ ޓީމުތައް ކަށަވަރުވެއްޖެއެވެ.
ޖުމްލަ 29 ޓީމު ބައިވެރިވެފައިވާ މި އަހަރުގެ މުބާރާތުގައި މިފަހަރު މެޗުތައް ކުރިއަށްދަނީ ނޮކްއައުޓް އުސޫލުންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދާ މި އަހަރުގެ މުބާރާތުގެ ގަދަ 16 ގެ ބުރުގެ މެޗުތައް ރޭ ނިންމާލިއިރު، ވަރުގަދަ ބައެއް ޓީމުތައް ވަނީ ކަޓައިފައެވެ.
މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ޓީއެފްޓީން ވަނީ ސީދާ ދެ ގޭމުން ބީޖީ ނިއު ޖެނެރޭޝަން ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ޓީއެފްޓީ ވަކަރުގެ އަތުން އެލްޓީ ސްޕޯޓްސް ސީދާ ދެ ގޭމުން މޮޅުވިއިރު، ކުލަބު އެސްޑީޒެޑް އަތުން އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް، ކުލަބު ކާސިންޖީ މޮޅުވީ ވެސް ސީދާ ދެ ގޭމުންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތަކުގެ ޝެޑިއުލް. --ފޮޓޯ: ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ޖަނަވަރީމަގު ސްޕޯޓްސް ކުލަބު އަތުން ކުޑަ ހެންވޭރު ލަޔަންސް މޮޅުވީ ސީދާ ދެ ގޭމުންނެވެ. ކުލަބު ވޯންޓެޑް އަތުން ޓީސީ ސްޕޯޓްސް ކުލަބު ސީދާ ދެ ގޭމުން މޮޅުވިއިރު، ބައިބަލާގެ ޗެމްޕިއަންކަން 10 ފަހަރު ހޯދާފައިވާ، ބީޖީ ސްޕޯޓްސް ކުލަބުން ވަނީ ސީދާ ދެ ގޭމުން ޓީނޭޖް ޖޫނިއާސް ބަލިކޮށްފައެވެ.
މުބާރާތުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ލޮރެންޒޯ ސްޕޯޓްސް ކުލަބުން ވަނީ ސީދާ ދެ ގޭމުން ޓީސީ ފްރެޓާނިޓީ ބަލިކޮށްފައެވެ. ކުރީގެ ޗެމްޕިއަނެއް ކަމަށްވާ، ކުލަބު ޓީނޭޖް އަތުން ގަދަ ހިފުމަކަށްފަހު ކުރިހޯދީ ޒެޕޯ އިންނެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލުގެ މެޗުތައް ފަށާނީ 8:30 ގައެވެ.