ENGLISH

26 ނޮވެމްބަރު 2024

ޓްރަމްޕުގެ ސަރުކާރުގެ އިސް މަގާމެއް އިލަން މަސްކް އަށް

13 ނޮވެމްބަރު 2024

|

ހަސަން އާމިރު

އިލޮން މަސްކް ޓްރަމްޕުގެ ކެމްޕޭނުގައި. --ފޮޓޯ: ބީބީސީ

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭނުގެ ފަހު ދުވަސްވަރު ގުޅިވަޑައިގެންނެވި ދުނިޔޭގެ އެންމެ މުއްސަނދި މީހާ އިލޮން މަސްކަށް ޓްރަމްޕުގެ އާ ސަރުކާރުން އިސް މަގާމެއް ހަމަޖައްސައިފި އެވެ.

ޑިޕާޓްމަންޓް އޮފް ގަވަރމެންޓް އެފިޝަންސީގެ ނަމުގައި އުފައްދާ އޮފީހުގެ ވެރިއަކަށް އައްޔަން ކުރައްވަން ޓްރަމްޕް ނިންމަވާފައި ވަނީ ޓެސްލާ އާއި އެކްސްގެ ވެރިޔާ މަސްކް އެވެ. އޭނާއާ އެކު އެ އިދާރާ ހިންގުމަށް ދެން އިސްކުރައްވާފައި ވަނީ ވެސް ޓްރަމްޕުގެ ކެމްޕޭނުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެވަޑައިގެންނެވި ވިވެކް ރަމަަސްވާމީ އެވެ.

ސަރުކާރުގެ އޮފީސްތަކާ ވަކިން މިނިވަން އިދާރާއެއްގެ ގޮތުގައި ހިންގާ އެފިޝަންސީ ޑިޕާޓްމަންޓުގެ މައިގަނޑު މަސައްކަތަކީ ސަރުކާރުގެ އެކި އޮފީސްތަކުގައި ހުރި ހިންގުމުގެ އުނދަގޫ ގޮތްތައް ނައްތާލައި ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަކުރުމެވެ. 

މަސްކް ވިދާޅުވެފައި ވަނީ ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން މަދުކޮށް ބަޖެޓުން ގާތްގަނޑަކަށް ދެ ޓްރިލިއަން ޑޮލަރު ސަލާމަތް ކުރާނެ ކަމަށެވެ. 

ޓްރަމްޕް ސަރުކާރުގައި މިހާތަނަށް ހަމަޖެއްސި އިސް މަގާމުތައް

* ޑިޕާޓްމަންޓް އޮފް ގަވަރްމަންޓް އެފިޝަންސީ: އިލޮން މަސްކް، ވިވެކް ރަމަސްވާމީ

* ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ: ސައުތު ޑަކޯޓާ ގަވަރުނަރު ކްރިސްޓީ ނޮއެމް

* ޑިފެންސް ސެކްރެޓަރީ: ފޮކްސް ނިއުސްގެ ހުށަހެޅުންތެރިޔާ އަދި ކުރީގެ ސިފައިންގެ އޮފިސަރު ޕީޓާ ހެގްސެތު

* ސްޕެޝަލް އެންވޯއީ ޓު ދަ މިޑްލްއީސްޓް: ޓްރަމްޕުގެ ގޮލްފް ޕާޓްނަރު އަދި ކެމްޕޭނަށް ޚަރަދުކުރެއްވި ސްޓީވް ވިޓްކޮފް

* އިޒްރޭލުގެ ސަފީރުގެ މަގާމަށް: އާކަންސަސްގެ ކުރީގެ ގަވަރުނަރު މައިކް ހަކަބީ

* ސީއައިއޭގެ ޑިރެކްޓަރު: ޓެކްސަސްގެ ކުރީގެ ކޮންގްރެސްމަން ޖޯން ރެކްލިފް

ކެމްޕޭންއާ މަސްކް ގުޅިވަޑައިގެންނެވީ ޓްރަމްޕް އަވަހާރަކޮށްލަން ދިން ބަޑީގެ ނުރައްކާ ހަމަލާ އަށް ފަހު މިދިޔަ ޖުލައި މަހު އެވެ. އޭގެ ފަހުން މަސްކް ވަނީ ޓްރަމްޕުގެ ކެމްޕޭނަށް ގާތްގަނޑަކަށް 120 މިލިއަން ޑޮލަރު ޚަރަދު ކުރައްވައިފަ އެވެ. އަދި ކެމްޕޭނުގެ ފަހު ދުވަސްވަރު މަސްކް ވަނީ ބޮޑެތި ސްޓޭޓްތަކުން ވޯޓުލާން ރަޖިސްޓްރީ ކުރާ މީހުންގެ ތެރޭން ކޮންމެވެސް އެކަކަށް ދުވާލަކު އެއް މިލިއަން ޑޮލަރު ދެއްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު