ENGLISH
13 އޭޕްރީލު 2025
ޝެއިންއާ ވާދަވެރި "ޓީމޫ"ގެ ހިދުމަތް ރާއްޖެއަށް
03 އޭޕްރީލު 2025
|
ހެޔޮއަގުގައި މުދާ ވިއްކުމުގައި މުޅިދުނިޔެއަށް މަޝްހޫރު ޗައިނާގެ އީ ކޮމާސް ޕްލެޓްފޯމް "ޓީމޫ"ގެ ހިދުމަތް މިހާރު ދިވެހިރާއްޖެއަށްވެސް ލިބޭނެއެވެ. އެމެރިކާ، ޔޫރަޕް އަދި އޭޝިޔާގެ ގިނަ ގައުމުތަކެއްގައި މަގުބޫލު މި ޕްލެޓްފޯމް މެދުވެރިކޮށް ގަންނަ މުދާ، ކުރުމުއްދަތެއްގެ ތެރޭގައި ކަސްޓަމަރުނަށް ފޯރުކޮށްދެއެވެ.
މިހާރު މޯލްޑިވްސް ޕޯސްޓު މެދުވެރިކޮށް ޓީމޫއިން ރާއްޖެއަށް މުދާ ގެނެވޭނެއެވެ. ޕޯސްޓްގެ ނޭޝަންވައިޑް ޑެލިވަރީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޓިމޫގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ އޯޑަރުތައް ޕިކްޕޯސްޓާއި، ހޯމްޑެލިވަރީ އަދި ކައުންޓަރ ޑެލިވަރީ މެދުވެރިކޮށް އިތުބާރުހުރި ގޮތެއްގައި އަވަހަށް ލިބޭނެގޮތް ފަހިކޮށްދޭނެއެވެ.
ޓީމޫއިން ގިނަ ބާވަތްތަކެއްގެ ކޮލިޓީގެ އުފެއްދުންތައް ހެޔޮ އަގުތަކެއްގައި ލިބެންހުރެއެވެ. މީގެ ތެރޭގައި އިލެކްޓްރޯނިކްސް، ފެޝަން، ގޭތެރޭގެ ސާމާނު، ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު އުފެއްދުންތަކާއެކު އިތުރު ގިނަ ބާވަތްތަކުގެ މުދާ މި ޕްލެޓްފޯމުގައި ހިމެނެއެވެ. ޓީމޫގެ ޔޫސަރ-ފްރެންޑްލީ އެޕް މެދުވެރިކޮށް އޯޑަރުކޮށް ފައިސާ ދެއްކުމާއި، މެދުވެރިއެއްނެތި ޝޮޕިންގ ކުރުމަށް ހުޅުވާލެވިފައިވާ މިފަހި ފުރުސަތުގެ ތެރެއިން އޯޑަރުކުރާ ތަކެތި، ސީދާ ކަސްޓަމަރުންނާ ހަމައަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިތުބާރާ ޔަގީންކަމާއެކު ފޯރުކޮށްދިނުމަކީ، ޓިމޫގެ މި ހިދުމަތުގެ އެންމެ ހާއްސަ ސިފައެވެ. ޓިމޫ އިން އޯޑަރ ކުރާ ތަކެއްޗަށް ފްރީ-ޝިޕންގ ލިބޭ ގޮތަށް ހަމަޖެހިފައިވާއިރު، ޝިޕިންގ ހަރަދު ކުޑަކުރުމުގެ ގޮތުން އެއް އޯޑަރަކަށް ބައިވަރު ތަކެތި ގަތުމުގެ ބޭނުމެއް މިހާރަކު ނެތެވެ. އޭގެ ބަދަލުގައި ހަމަޖެހިލައިގެން ބޭނުން އިރަކު ޝޮޕިންގ ކުރުމުގެ ފުރްސަތު ޓީމޫ އިން މިވަނީ ފަހިކޮށްދީފައެވެ.
ޓީމޫގެ ވެބްސައިޓުން ތަކެތި ބައްލަވައިގަތުމުގެ އިތުރުން ޓީމޫގެ އެޕް، އެޕަލްސްޓޯރ އާއި ގޫގްލްޕްލޭއިން ޑައުންލޯޑް ކޮށްގެންވެސް ވިޔަފާރި ކުރެވޭނެއެވެ.
ދިވެހިރާއްޖޭގައި ޓީމޫގެ އޮންލައިން މާކެޓްޕްލޭސް އެއް ގާއިމުވެގެން ދިއުމަކީ، އީ-ކޮމާސްގެ ދާއިރާ ފުޅާ ކުރުމަށް މޯލްޑިވްސް ޕޯސްޓުން ކުރާ މަސައްކަތުގެ ބައެއްކަމަށާއި، ޗައިނާ އާ ތައިލެންޑް އަދި އިންޑިއާ ފަދަ ގައުމުތަކުގެ އޮންލައިން ޕްލެޓްފޯރމްތަކާ ގުޅިގެން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯސްޓުން މައުލޫމާތު ދެއެވެ.