ENGLISH
02 އޭޕްރީލު 2025
ސަރުކާރުން ދިން ފުރުސަތުގައި ދިވެހި މަސްވެރިންގެ އަޑު ދުނިޔެއަށް އުފުލައިދިނީ މަސްވެރިއެއް
30 މާރިޗު 2025
|
މަސްވެރިކަމުގެ ދާއިރާއިން އެތައް އެވޯޑެއް ހާސިލުކުރައްވާފައިވާ ތަޖުރިބާކާރު ކެޔޮ އިބްރާހީމް ރަޝީދު އްާރުއެސްއެސްއެފް ވޯކްޝޮޕްގައި ވާހަކަދައްކަނީ )ފޮޓޯ/ މިނިސްޓްރީ)
އެންމެ މަޤްބޫލު
ދިވެހި ރާއްޖޭގެ އިގްތިސޯދުގެ މައިނާރުކަމަށްވާ މަސްވެރިކަމުގެ ސިނާއަތުގެ ހައްގުގައި ވަކާލާތުކުރުމަށް ދިވެހި މަސްވެރިޔަކު މިދަނީ އެކި ހުރަސްތައް ގިރާކުރަމުންނެވެ. އުމުރުން 12 އަހަރުގައި މަސްވެރިކަމަށް ނުކުތް ހއ. އިހަވަންދޫ ގުރަހަ، އިބްރާހީމް ރަޝީދަކީ މިއަދު ދިވެހި މަސްވެރިންނަށް ވެސް، އަދި އެ ސިނާއަތުގައި ހަރަކާތްތެރިވާ އެއްވެސް މީހަކަށް ބީރައްޓެހި މޫނަކަށް ނުވާނެ އެވެ.
އުމުރުން މިހާރު 53 އަހަރުގެ ރަޝީދު ކެޔޮޅެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. މަސްވެރިކަން ކުރަމުން، އެ ދާއިރާއަށް ދިމާވާ ގޮންޖެހުންތައް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، އެ ސިނާއަތަށް ޒުވާނުން ނެރުން ފަދަ އެތައް ޚިދުމަތެއް ކޮށްދިނެވެ.
ޒުވާނުން ތަމްރީނުކޮށް، މަސްވެރިކަމަށް ނެރުމުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދިނުމުގެ އެވޯޑާއި ދޮށީގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ރޮނގުން ގައުމީ އިނާމު ހާސިލުކުރެއްވުމުގެ އިތުރުން އޭނާ ނިސްބަތްވާ އަތޮޅަށާއި އުފަން ރަށަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކަށް އެތައް އެވޯޑެއް ލިބިފައިވެ އެވެ.
އިބްރާހީމް ރަޝީދު އެންމެ ފަހުން އެ އައީ ދިވެހި ސަރުކާރުގެ ވަފުދަކާއެކު، ބެންކޮކްގައި ކުރިއަށްދިޔަ ރީޖަނަލް ސްމޯލް ސްކޭލް ފިޝިން (އެސްއެސްއެފް) ވޯކްޝޮޕްގައި ބައިވެރިވެ ދިވެހި މަސްވެރިންގެ ހައްގުގައި ވަކާލާތުކޮށްފަ އެވެ. އެގޮތުން، މަސްވެރިއެއްގެ ހައިސިއްޔަތުން އެ ދާއިރާއަށް ދިމާވާ ގޮންޖެހުންތައް ގައުމުތަކުގެ ސަމާލުކަމަށް ގެންނަވައި، އެކަންކަމަށް ބޭނުންވާ ހައްލުތައް ވެސް އޭނާ ވަނީ އެ ބައްދަލުވުމުގައި ދިވެހި ބަހުން ހުށަަހަޅައިދީފަ އެވެ.
'އެމްއެމް ޓީވީ' އަށް މައުލޫމާތު ދެމުން އިބްރާހީމް ރަޝީދު ބުނީ، އޭނާ ވަކާލާތު ކުރީ ޒުވާނުންނާއި އަންހެނުން އަދި މަސްވެރި މުޖުތަމައުތަކަށް ދެމެހެއްތެނިވި ގޮތެއްގައި މަހުގެ އުފެއްފުންތައް ތައްޔާރުކުރާނެ ގޮތުގެ ތަމްރީނުދީ، މި ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުމަށް ޒުވާނުންނަށް ކެރިއާ ގައިޑަންސް ޕްރޮގްރާމްތައް ރާވާ ހިންގުން ފަދަ ކަންކަމަށް ކަމަށެވެ.
ހަމައެއާއެކު، ބޭރުގެ މާކެޓްތަކުން ކުދި ފަންތީގެ މަސްވެރިކަމަށް ޖާގަ ހޯދުމަށްޓަކައި ކުރަންެެހޭ ކަންކަން ބަލައި ދިރާސާކުރުމަށް އަމިއްލަ ފަރާތްތަކާއި ހިލޭ އެހީ ދޭ ޖަމިއްޔާތަކާ އެކު މަސައްކަތް ކުރުމުގެ މުހިއްމުކަމާއި ކުދި ފަންތީގެ މަސްވެރިކަން ރާވާ ކުރިއެރުވުމަށް ހަދާފައިވާ ގަވާއިފުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅިގެން ވެސް މަޝްވަރާ ކުރެވުނު ކަމަށް ބުންޏެވެ.
މި ފުރުސަތު ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. މަސްވެރިކަމަށް ކުޑަ ވެސް ޚިދުމަތެއް ކުރަން ފުރުސަތެއް ލިބިއްޖެ ނަމަ ދޫކޮށްލަން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން މަސްވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި މިނިސްޓަރ ޝިޔާމު ވަރަށް ބޮޑަށް ބޭނުން ފުޅުވާތީ ކަމަށް މި ފުރުސަތު ދެއްވީ،" އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި މިފަދަ ފުރުސަތެއް ލިބުމަކީ އޭނާގެ މަސައްކަތަށް ލިބުނު ކުރިއެރުމެކެވެ. ކުރިއަށް އޮތްތަނުގައި ވެސް މަސްވެރިންގެ ހައްގުގައި ވަކާލާތު ކުރުމުގައި ފަހަތަށް ޖެހޭކަށް އޭނާ ބޭނުމެއް ނުވެ އެވެ. ބޭނުންވަނީ ސާބިތުކަމާ އެކު އަދިވެސް އެގޮތުގައި ދެމިހުރުމަށެވެ.