ENGLISH
08 އޭޕްރީލު 2025
ތުރުކީވިލާތުގެ މުޒާހަރާތައް ފުޅާވެ، ހައްޔަރުކުރި މީހުންގެ އަދަދު ހާހަކަށް ވުރެ މަތިވެއްޖެ
25 މާރިޗު 2025
|
ޚިޔާނާތުގެ ތުހުމަތުގައި ތުރުކީވިލާތުގެ އިސްތަންބުލް ސިޓީގެ މޭޔަރު، އިކްރާމް އިމަމޯލޫ ހައްޔަރުކުރުމާ ގުޅިގެން ތުރުކީވިލާތުގައި ކުރަމުންދާ މުޒާހަރާތައް ޤައުމުގެ ބޮޑު ސަރަޙައްދަކަށް ފެތުރި، ބޮޑެތި ހަމަނުޖެހުމަކަށް ބަދަލުވެއްޖެއެވެ.
އިމަމޯލޫ ހައްޔަރުކޮށްފައިވަނީ، އޭނާގެ ދިފާޢުގައި ތުރުކީވިލާތުގެ އެކި ސަރަޙައްދުތަކުގައި އާންމުންގެ ގިނަ ބަޔަކު ނުކުމެ، މުޒާހަރާކުރަމުން ދަނިކޮށެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުން، އިމަމޯލޫ ވަނީ މުޒާހަރާތައް ނުހުއްޓައި ކުރިއަށް ގެންދިޔުމަށް ގޮވާލައްވައިފައެވެ.
މިގޮތުން، ތުރުކީވިލާތުގެ ޖުމްލަ 81 ޕްރޮވިންސެއްގެ ތެރެއިން، 55 ޕްރޮވިންސެއްގައި އާންމުން ނުކުމެ ދަނީ މުޒާހަރާ ކުރަމުންނެވެ.
މާޗް 19 އިން ފެށިގެން ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، މިހާތަނަށް 1،320 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ޤައުމުގެ އިންޓީރިޔަރ މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭގެތެރޭގައި ބައެއް ނޫސްވެރިން ވެސް ހިމެނެއެވެ.
ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ސިޔާސީ އެންމެ ބޮޑު ވާދަވެރިޔާގެ ގޮތުގައި ބެލެވޭ އިމަމޯލޫ ހައްޔަރުކުރުމާއެކު، މޭޔަރުގެ ޒިންމާތަކުން އޭނާ ވަނީ ވަގުތީ ގޮތުން އެކަހެރިކޮށްފައެވެ.
އިމަމޯލޫ ޖަލަށް ލާފައި މި ވަނީ، ކުރިއަށް އޮތް ޢާންމު އިންތިޚާބުގައި ތުރުކީވިލާތުގެ މައި އިދިކޮޅު ސިޔާސީ ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ތަމްސީލު ކުރައްވާނެ ކެނޑިޑޭޓުގެ ގޮތުގައި އޭނާގެ ނަން ފާސް ކުރުމަށް އެ ޕާޓީން ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ.
އޭނާ ހައްޔަރުކުރިފަހުން، މިދިޔަ އާދީއްތަ ދުވަހު ތަނަވަސް އަޣްލަބިއްޔަތަކުން ސީއެޗްޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިމަމޯލޫ ވަނީ ހޮވައިފައެވެ.