ENGLISH
26 ނޮވެމްބަރު 2024
އިޒްރޭލުން ގައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޢަމަލެއް ކަމަށް ސަޢުދީ ވަލީ އަހުދު ވިދާޅުވެއްޖެ
12 ނޮވެމްބަރު 2024
|
މުސްލިމު އަދި ޢަރަބި ލީޑަރުންގެ ސަމިޓް ގެ ތެރެއިން
އެންމެ މަޤްބޫލު
ގައްޒާގައި އިޒްރޭލުން ހިންގަމުންދަނީ "ނަސްލު ނައްތާލުމުގެ ޢަމަލު" ތަކެއް ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.
މިއީ މި ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލާ ދެކޮޅަށް ސަޢޫދީގެ އިސް އޮފިޝަލަކު ދެއްވި އެންމެ ވަރުގަދަ ބަހުގެ ހަމަލާ އެވެ.
ސައުދީގެ ވެރިރަށުގައި ކުރިއަށް ދިޔަ މުސްލިމު އަދި ޢަރަބި ލީޑަރުންގެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން، ވަލީ އަހުދު ވަނީ އިޒްރޭލުން ލުބުނާނާއި އީރާނަށް ދެމުންދާ ހަމަލާތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އިޒްރޭލުން ވަނީ ފަލަސްތީނުގެ ގައްޒާގައި ނަސްލު ނައްތާލުމަށް ހިންގަމުންދާ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ.
ސައުދީ އާއި އީރާނާ ދެމެދު ގުޅުން ރަނގަޅުވަމުންދާކަމުގެ ނިޝާނެއްގެ ގޮތުން، ވަލީ އަހުދު ވަނީ އިޒްރޭލުން އީރާނަށް ދޭ ހަމަލާތަކަށް އިންޒާރު ދެއްވައިފައެވެ. ސަމިޓުގައި ބައިވެރިވެޑައިގެންވި އެހެން ލީޑަރުންނާއެކު ސައުދީގެ ވަލީ އަހުދު ވަނީ އިޒްރޭލުން ހުޅަނގު އައްސޭރި އާއި ގައްޒާއިން މުޅިން ފޭބުމަށް ގޮވާލައްވައިފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ވަނީ ގައްޒާގެ ހަނގުރާމަ ހުއްޓުވިފައިނުވުމަކީ "ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ނާކާމިޔާބީއެއް" ކަމަށް ވިދާޅުވެ، އިޒްރޭލުން ގައްޒާގައި ބަނޑުހައިހޫނުކަމަކަށް މަގުފަހިކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
ގައްޒާގެ ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން ދެކުނު އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެންނެވެ. މި ހަމަލާގައި 1,200 އެއްހާ މީހުން މަރުވެ، 251 މީހުން ރަހީނުކުރިއެވެ. އިޒްރޭލުން ހަމާސް ނައްތާލުމަށް ފެށި ހަނގުރާމައިގައި މިހާތަނަށް 43,400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
އަރަބް ސަމިޓުގައި ބައިވެރިވި ލީޑަރުން ވަނީ ގައްޒާގައި ޔޫއެންގެ މުވައްޒަފުންނާއި ވަސީލަތްތަކަށް އިޒްރޭލުން މެދުނުކެނޑި ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ. އަދި އަންރުވާ އިން ގައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސްއަޅާތީ އިނގިރޭސިވިލާތް ފަދަ ޤައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ސަމިޓު ބޭއްވީ އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ގަލްފު ޤައުމުތަކުގެ ލީޑަރުންނަށް ޓްރަމްޕް އާއި އިޒްރޭލްއާ އޮތް ގާތްކަން އެނގެއެވެ.
ސަޢޫދީ ޢަރަބިއްޔާގައި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަނަށް ވުރެ ޓްރަމްޕުގެ ތާއީދު މާ ބޮޑެވެ. ނަމަވެސް ޓްރަމްޕުގެ ވެރިކަމުގައި ވަނީ ފަލަސްތީނުގެ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ކަނޑައަޅައި، އަދި ހިފާފައިވާ ގޯލާންގެ އުސްބިންތަކަކީ އިޒްރޭލުގެ ތަންތަން ކަމަށް ބަލައިގެންފައެވެ. އަދި ޓްރަމްޕް ވަނީ ޔޫއޭއީ، ބަޙްރެއިން އަދި މޮރޮކޯއިން އިޒްރޭލްއާ ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރުމަށް މަގުފަހިކޮށްދީފައެވެ.