ENGLISH
08 އޭޕްރީލު 2025
ރާއްޖޭގެ އަމާޒަކީ ފިލިޕީންސާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ހޯދުން: ސުޒޭން
25 މާރިޗު 2025
|
ރާއްޖޭގެ ކޯޗު، ސުޒޭން. --ފޮޓޯ: ޕީއެސްއެމް
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ކުޅޭ މެޗުގައި ފިލިޕީންސާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތްކޮށް، އެންމެ ފަހުން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރާނެ ކަމަށް ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، އަލީ ސުޒޭން ބުނެފިއެވެ.
މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކޯޗު، އަލީ ސުޒޭން ބުނީ، ފިލިޕީންސްއާ ދެކޮޅަށް އެ ގައުމުގައި ނިކުތުމަށް ހަމަޖެހިފައިވާއިރު ކުރީން ކުޅެފައިވާ މެޗުތަކާ އަޅާކިޔާއިރު ގައުމީ ފުޓްބޯޅަ ޓީމުގެ ފަރާތުން ކުރިއެރުންތައް ފެންނާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ފިލިޕީންސް މެޗަށް ތައްޔާރުވުމުގެ ގޮތުން ވާދަވެރި އިންޑިއާއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ގައުމީ ފުޓްބޯޅަ ޓީމުގެ ފަރާތުން ހެދުނު ގޯސްތައް ފާހަގަކޮށް، އެކަންކަން ރަނގަޅުކުރާނެ ކަމަށް ކޯޗު، ސުޒޭން ވަނީ ބުނެފައެވެ.
ރާއްޖޭން ފިލިޕީންސްގައި މެޗު ކުޅޭ ދަނޑުގެ ވިނަގަނޑާ ބެހޭގޮތުން ސުޒޭން ބުނީ، އޭނާ އަށް ދަނޑުގެ ޕިޗް ފެނުނީ ސްޓޭޑިއަމްގެ ތިންވަނަ ބުރީގައި ހުއްޓާ ކަމަށްވުމުން އެންމެ ރަނގަޅަށް ދަނޑުގެ ހާލަތާމެދު އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
އެކަމަކު، އެންމެފަހުން ރާއްޖެ ކުޅުނު އެންމެ ފެންވަރު ރަނގަޅު ދަނޑަކީ ޝިލޮންގުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު ދަނޑު ކަމަށް ސުޒޭން ފާހަގަކުރިއެވެ. އެހެންނަމަވެސް، ފިލިޕީންސްގައި މެޗު ކުޅުމަށް ހަމަޖެހިފައިވާ ދަނޑަކީ ފެންވަރު ރަނގަޅު ދަނޑަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ކޯޗު، ސުޒޭން ވަނީ ބުނެފައެވެ.
އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗުގައި ރާއްޖެއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ފިލިޕީންސް ނިކުންނައިރު، އެ ޓީމުގެ ކޯޗު، އަލްބާޓް ކަޕެޔާސް ބުނީ، އޭނާގެ ޓީމުގެ ފަރާތުން ރަނގަޅު ޕާފޯމަންސެއް ފެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
މާޒީގައި ނިކުމެފައި ހުންނަ ނަތީޖާތަކާ މެދު އޭނާ ނުވިސްނާނެ ކަމަށާއި، އަބަދުވެސް ސަމާލުކަންދެނީ ކުރިއަށް އޮންނަ މެޗަށް ކަމަށް ވެސް ކަޕެޔާސް ބުންޏެވެ.
ކޮލިފައިންގައި ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 4 ޖަހާއިރު އެވެ.