ENGLISH
10 އޭޕްރީލު 2025
ތިން އަތޮޅެއްގައި ހަދަން ހުރި ކުޑަކުދިންގެ ޕާކުތަކުގެ މަސައްކަތް ފަށަނީ
21 މާރިޗު 2025
|
މިނިސްޓަރ އާދަމް ޝަރީފް އުމަރު
ތިން އަތޮޅެއްގައި ހަދަންހުރި ކުޑަކުދިންގެ ޕާކުތަކުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅާއި، ނ. އަތޮޅާއި އަދި މ. އަތޮޅުގައި ހަދަން ހުރި ކުޑަކުދިންގެ ޕާކުތަކުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމަށްޓަކައި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއެކު މަޝްވަރާކޮށް ފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓްރީގެ ރެކްރިއޭޝަން ކުލަބުގެ ފަރާތުން، ބޭއްވި ތަރާވީހުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އީދު ބޮކިތައް އަތޮޅުތެރެއަށް ފޮނުވުމަށްޓަކައި ސްޓެލްކޯއިން ބޮކިތައް ބަންދުކުރުމުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށް ގެންދާ ކަމަށެވެ.
އަދި މިދިޔަ އަހަރު ދިއްލި ރަށްރަށާއި، ސިޓީތަކުގެ އިތުރުން، އިތުރު 36 ރަށެއް މި އަހަރު ދިއްލުމަށް ހަމަޖެހިފައިވާ ކަމަށާއި، މި އަހަރު އަލަށް ދިއްލުމަށް ހަމަޖެހިފައި ވަނީ ކޮންމެ އަތޮޅެއްގެ ވެސް އާބާދީގެ ގޮތުން އެންމެ ބޮޑު ދެ ރަށުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ އީދު ލައިޓް ހޯދުމަށް އެދޭ ރަށްރަށުގެ ޢަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި އީދަށް ރަށްތައް ދިއްލުމަކީ، ރައްޔިތުންގެ ހިތްހަމަޖެހުމާއި، އުފާވެރިކަމަށްޓަކައި ކޮންމެހެންވެސް ކުރުން މުހިންމު ކަމެއްކަމަށެވެ. މި އަހަރުގެ ޢީދު ލައިޓް ދިއްލުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.