ENGLISH
13 އޭޕްރީލު 2025
ފައިނު އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
23 ފެބްރުއަރީ 2025
|
އެމްއޭސީއެލްގައި ފައިނު އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް
ރ. ފައިނުގައި އެއާޕޯޓް އެޅުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއޭސީއެލްއާ އެމްޓީސީސީއާއެކު ކުރެވުނު މި އެއްބަސްވުމުގެ ދަށުން އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި، ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓު (އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް) އަދި ޑިޒައިން މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ. ހަމައެހެންމެ މި ޕްރޮޖެކްޓަކީ އެތެރޭގެ ދަތުރުފަތުރު އިތުރުކޮށް، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އެމްއޭސީއެލްގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ޕީ.އެން.ސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާޙް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށާއި ރ. އަތޮޅުގެ ރައްޔިތުންނަށް އިޤްތިސާދީ ނަފާ ލިބި ވަރަށް ބޮޑު ފައިދާ އަދި ލުއިފަސޭހަ ލިބިގެންދާނެ ކަމަކަށް މިކަންވެގެންދާނެ ކަމަށް ފަލާހުގެ ވާހަކައިގައި ވިދާޅުވިއެވެ.
އެމްއޭސީއެލްގައި ފައިނު އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، ކަނޑައެޅޭ މުއްދަތުތަކުގައި މި މަސައްކަތް އެންމެ ފުރިހަމައަށް ނިންމާލާނެ ކަމުގެ ޔަގީންކަންދެއްވާ ކަމަށެވެ.
ފައިނުގައި އެއާޕޯޓް އަޅައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ފައިނު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެދުވަހު ދެއްކެވި ވާހަކަފުޅުގައި، ފައިނު އެއަރޕޯޓް މަޝްރޫޢުއަކީ އެރަށާއި އެ އަތޮޅުގެ ހުރިހާ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އަދި އިޤްތިޞާދީ ގޮތުން ކުރިއެރުން އަންނާނެ މަޝްރޫޢުއެއް ކަމަށް ރައީސް ވަނީ ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް ވަޒީފާގެ ގިނަ ފުރުޞަތުތަކާއި ގިނަ ރިސޯޓްތައް އެ ސަރަހައްދަށް އަންނާނެ މަޝްރޫޢުއެއް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.