ENGLISH

10 އޭޕްރީލު 2025

Advertisement

ގަސްޕެރީނީގެ ވާހަކަތަކާ ގުޅިގެން އެޓޫގެ ތާއީދު ލުކްމަން އަށް

22 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

އެޓަލާންޓާގެ ފޯވާޑް، ލުކްމަން. --ފޮޓޯ: ގެޓީ އިމޭޖަސް

އެޓަލާންޓާގެ ކޯޗު، ޖިއަން ޕިއެރޯ ގަސްޕެރީނީގެ ފާޑުކިޔުންތަކާ ގުޅިގެން އެ ޓީމުގެ ނައިޖީރިއާ ފޯވާޑް، އަޑެމޯލާ ލުކްމަން އަށް ތާއީދުކޮށް، ކުރީގެ ލެޖެންޑަރީ ފޯވާޑް، ސެމުއެލް އެޓޫ ވާހަކަ ދައްކައިފިއެވެ.

ކުރިން އިޓަލީގެ އިންޓަރ މިލާނާއި، ސްޕެއިނުގެ ބާސެލޯނާ އަށް ކުޅެފައިވާ އެޓޫ ބުނީ، ފުޓްބޯޅަ މެޗެއްގެ ހަނދާންތައް ދެމިހުންނާނީ 90 މިނެޓު ވަންދެން ކަމަށެވެ.

ކެމަރޫންގެ އެފްއޭގެ ރައީސްކަން ކުރައްވަމުން އަންނަ އެޓޫ މިހެން ބުނީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފްގައި ބެލްޖިއަމްގެ ކުލަބް ބްރޫޖް އަތުން އެޓަލާންޓާ ބަލިވި މެޗުގައި ލުކްމަން އަތުން ބޭކާރުވި ޕެނަލްޓީއާ ގުޅޭގޮތުން އެ ޓީމުގެ ކޯޗު، ގަސްޕެރީނީ ވަރަށް ބޮޑަށް ފާޑުކިޔައިފައިވަނިކޮށެވެ.

އެޓަލާންޓާގެ ދަނޑުގައި ކުޅުނު އެ މެޗުން 3-1 އިން ބްރޫޖް އަތުން އެ ޓީމު ބަލިވިއިރު، މެޗަށްފަހު ކޯޗު، ގަސްޕެރީނީ ބުނީ، ލުކްމަންގެ ފަރާތުން ފެނިގެންދިޔައީ މިހާތަނަށް އޭނާގެ ހަޔާތުގައި ފެނުނު އެންމެ ދަށް ޕެނަލްޓީ ކަމަށެވެ.

ގަސްޕެރީނީގެ މި ވާހަކަތަކާ ގުޅިގެން، ލުކްމަން ބުނީ، އޭނާގެ ކޯޗު ވަރަށް އިހުތިރާމް ކުޑަކޮށް ވާހަކަދައްކާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ ކުލަބުން ކުއްލި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް ލުކްމަން ވަނީ ބުނެފައެވެ.

"އަހަރެންގެ އަޚާ. ފުޓްބޯޅައިގައި ހަނދާން ދެމިގެންދާނީ 90 މިނެޓަށް. އެއީ އެ މެޗުގެ ވަގުތަކީ. ދެން އޮންނާނީ ޖެހިގެން އަންނަ މެޗު،" ލުކްމަން އަށް ތާއީދުކޮށް، އެޓޫގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުންޏެވެ.

އެޓޫ ބުނީ، ލުކްމަން އަކީ އަބަދުވެސް އެންމެންގެ ޗެމްޕިއަނެއް ކަމަށެވެ. އަދި، ޕެނަލްޓީއެއް ފޮނުވާލަން ދެވޭނީ ވެސް ހިތްވަރު ހުރެގެން ކަމަށާއި، އެފަދަ ފަރާތަކަށް ވެސް ނާކާމިޔާބުވެދާނެ ކަމަށް ވެސް އެޓޫ ބުންޏެވެ.

އެޓޫގެ އިތުރުން ވެސް ކުރީގެ އެތައް ކުޅުންތެރިންނެއް ވަނީ ލުކްމަން އަށް ތާއީދުކޮށްފައެވެ. އޭގެތެރޭގައި، އިޓަލީ އާއި ޔުވެންޓަސްގެ ކުރީގެ ލެޖެންޑަރީ ފޯވާޑް، އަލެސަންދްރޯ ޑެލްޕިއޭރޯ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު