ENGLISH

10 އޭޕްރީލު 2025

Advertisement

ކުޅިވަރު ޤާނޫނު އިސްލާހު ކުރުމުގައި އެސޯސިއޭޝަންތަކުގެ ދައުރު ފުޅާކުރަނީ

20 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ރައްޔިތުންގެ މަޖިލީހުގައި ކުޅިވަރު ޤާނޫނާ އިސްލާޙާ ގުޅޭގޮތުން ބޭއްވެވި ފޯރަމްގެ ތެރެއިން. ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ކުޅިވަރު ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތުގައި އެސޯސިއޭޝަންތަކުގެ ދައުރު ފުޅާކުރެއްވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފައްޓަވައިފިއެވެ.

ރާއްޖޭގެ ކުޅިވަރު ޤާނޫނު (2015/30)، އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވަވައި، މަޝްވަރާ ކުރައްވައިފައެވެ.

ސަރުކާރުން ކުޅިވަރު ޤާނޫނަށް 72 އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު، ޢަބްދުއްލަޠީފް މުޙައްމަދުއެވެ.

ކުޅިވަރު ޤާނޫނުގެ މަޝްވަރާތަށް މިއަހަރަށް ފަސްކުރުމަށްފަހު، އިއްޔެ ބޭއްވެވި އަހަރުގެ ފުރަތަމަ ބައްދަލުވުމުގައި ނިންމެވީ ޤާނޫނު އިސްލާހު ކުރުމުގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ ލަފަޔާއި އިރުޝާދު ހޯދުމަށެވެ. އެގޮތުން އާ ހުށަހެޅުންތަކާއެކު، ޚިޔާލު ހުށަހެޅުމަށް އެސޯސިއޭޝަންތަކަށް ހަފްތާއެއްގެ މުއްދަތު ދެއްވުމަށް މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ވަނީ ނިންމަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުން ބޭއްވެވީ އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިކުރައްވައިގެންނެވެ. އެގޮތުން ކުރިއަށް ގެންދެވި މަޝްވަރާގެ ތެރެއިން ބައެއް އެސޯސިއޭޝަންތަކުގެ ބޭފުޅުން ވިދާޅުވީ ކުޅިވަރުގެ ޤާނޫނުގެ މަޝްވަރާ، އެ އެސޯސިއޭޝަންތަކާ މީގެކުރިން ކުރައްވާފައިނުވާކަމަށެވެ. އެހެންނަމަވެސް ބައެއް އެސޯސިއޭޝަންތަކުން ވަނީ މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީއާއެކު މަޝްވަރާތައް ބާއްވަވައި، އެޓަރނީ ޖެނެރަލްގެ އޮފީހާ ބައްދަލުކުރައްވައި މަޖިލީހަށް ހުށަހަޅުއްވާފައިވާކަން ފާހަގަކުރައްވާފައެވެ.   

އެސޯސިއޭޝަންތަކުގެ ދައުރު ފުޅާކޮށް ޚިޔާލަށް ހުށަހަޅަން ނިންމެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގެ ނައިބު މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެމްބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް ވިދާޅުވީ، އެސޯސިއޭޝަންތަކުން ބޭނުންވާގޮތަށް ޤާނޫނަށް ޚިޔާލު ހުށަހެޅުމަށް ހަފްތާއެއްގެ މުއްދަތެއް ދެއްވަވާނެކަމަށެވެ.

ބިލުގެ މަސައްކަތް އަވަހަށް ނިންމަންޖެހޭތީ، ކަނޑައަޅާފައިވާ މުއްދަތުގައި މަސައްކަތް ނިންމަވައި ފޮނުއްވައިދެއްވުމަށް މެމްބަރު މުޙައްމަދު މުސްޠަފާ އެދިވަޑައިގަތެވެ.

އެސޯސިއޭޝަންތަކުން ފާހަގަކުރެއްވި ގޮތުގައި، ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގައި ވީ އެންމެ ރަނގަޅަށް އެމަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު