ENGLISH
10 އޭޕްރީލު 2025
ފެޔަނޫޑާ އެއްވަރުވެ މިލާން ކެޓިއިރު، ބެންފީކާ ދެވަނަ ބުރަށް
19 ފެބްރުއަރީ 2025
|
ފެޔަނޫޑްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފްގައި ރޭ ނެދަލެންޑްސްގެ ފެޔަނޫޑާ އެއްވަރުވެ، އިޓަލީގެ އޭސީ މިލާން ކެޓިއިރު، ފްރާންސްގެ މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވި ނަމަވެސް، ޕޯޗުގަލްގެ ބެންފީކާ ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފިއެވެ.
މިލާންގެ ދަނޑުގައި ރޭ ކުޅުނު މެޗުން 1-1 އިން އެއްވަރުވުމާއެކު، ދެ މެޗުގެ އެގްރިގޭޓުން ފެޔަނޫޑް ކުރި ހޯދީ 2-1 އިންނެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ފެޔަނޫޑް މޮޅުވީ 1-0 އިންނެވެ.
ރޭގެ މެޗު ފެށިތާ މިނެޓެއް ނުވަނީސް، މިލާނަށް ލީޑު ނަގައިދިނީ ސަންޓިއާގޯ ހިމެނޭޒް އެވެ. މިއީ މިދިޔަ ޖަނަވަރީ މަހުގެ ޓްރާންސްފަރ ބާޒާރުގައި ފެޔަނޫޑް ދޫކޮށް މިލާނަށް ބަދަލުވި ފަހުން ކުޅުނު ފަސް މެޗުގައި ހިމެނޭޒް ޖެހި ތިންވަނަ ލަނޑެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ތެއޯ ހެނާންޑޭޒަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން މިލާނުން ބާކީބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ފެޔަނޫޑުން އެއްވަރުކުރި ލަނޑު، 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހޫލިއަން ކަރަންޒާ އެވެ.
އޭގެފަހުން، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ފެޔަނޫޑްގެ ޑިފެންޑަރު، ޖިވާއިރޯ ރީޑަށް ސީދާ ރަތް ކާޑު ދެއްކުމުން އެ ޓީމުން ވެސް ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ބެންފީކާގެ ދަނޑުގައި 3-3 އިން މޮނާކޯއާ އެއްވަރުވެ، އެ ޓީމު ވަނީ 4-3 ގެ އެގްރިގޭޓުން އަނެއް ބުރަށް ދަތުރުކޮށްފައެވެ.