ENGLISH
22 އޭޕްރީލު 2025
އަންހެނުންނަށް ޚާއްޞަ “ރޯދަ ކަނބަލުން 1446″ ފެށުމަށް ޖަމްޢިއްޔަތުއް ސަލަފުން ތައްޔާރު ވެއްޖެ
19 ފެބްރުއަރީ 2025
|
ޖަމްޢިއްޔަތުއް ސަލަފުން "ރޯދަ ކަނބަލުން" ނަމުގައި އަންހެނުންނަށް ޚާއްސަ ވޯކްޝޮޕެއް ބާއްވަންް ތައްޔާރުވެއްޖެއެވެ.
މި ވޯކްޝޮޕަކީ އެ ޖަމްޢިއްޔާއިން ކަނބަލުންނަށް ޚާއްޞަކޮށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމް "ޖަވާހިރު"ގެ ތެރެއިން ކުރިއަށް ގެންދެވޭ ވޯކްޝޮޕެކެވެ.
ސަލަފުން ބުނި ގޮތުގައި 15 އަހަރުން މަތީގެ އަންހެންކުދިންނާއި އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މި ވޯކްޝޮޕުން، ރަމަޟާން މަހަށް އިސްތިގުބާލު ކުރާނީ ކިހިނެއްކަމާއި، އެ މައްސަރުގެ މާތްކަމާއި މަތިވެރިކަން ހާސިލުކުރެވޭނެ ގޮތްތަކާއި މުސްލިމު ކަނބަލެއްގެ ހައިސިއްޔަތުން އެ މައްސަރުގައި އުޅުމާއި ގުޅުން ބަހައްޓަން ޖެހޭނެ ގޮތްތައް އެނގިގެންދާނެ އެވެ. އަދި ރޯދަމަހުގެ ދުވަސްތަކާއި ރޭތަކުގެބަރަކާތް އެންމެ ފުރިހަމަގޮތުގައި ހާސިލުކުރެވޭނީ ކިހިނެއް ކަންކަން އިންތިޒާމުކޮށްގެންކަން ކިޔައިދޭނެއެވެ.
”ރޯދަ ކަނބަލުން 1446″ ވޯކްޝޮޕް ކުރިއަށްގެންގޮސް ދެއްވާނީ މައްކާގެ އުއްމުލްޤުރާ ޔުނިވަރސިޓީން ފުރަތަމަ ޑިގްރީއާއި މާސްޓާރސް ޑިގްރީ ޙާޞިލުކުރައްވާފައިވާ، އަދި މިހާރު ދިވެހިރާއްޖޭގެ އިސްލާމީޔުނިވަރސިޓީން ޕީއެޗްޑީ ޙާޞިލުކުރައްވަމުން ގެންދަވާ އައްޝައިޚާ ޢާއިޝަތު ރީމާއެވެ. ޝައިޚާ ވަނީ މީގެ ކުރިންވެސް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކަނބަލުންނަށް ޚާއްޞަކޮށް ކުރިއަށް ގެންދެވުނު އެކިއެކި ސެޝަންތައް ނަންގަވާދެއްވާފައެވެ.
ޢިލްމީގޮތުން އަގުހުރި މި ވޯކްޝޮޕް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 22 ފެބްރުއަރީ 2025 ވާ ހޮނހިރުދުވަހު ގަލޮޅުމަދަރުސާ ހޯލުގައި ދެ ދަންފަޅިއަކަށް ބަހާލެވިގެންނެވެ. ފުރަތަމަ ދަންފަޅި އޮންނާނީ ހޮނިހިރު ދުވަހުގެ މެންދުރު 14:00 އިން 15:30 އަށް އަދި ދެވަނަ ދަންފަޅި އޮންނާނީ އެ ދުވަހުގެ 16:00 އިން 18:00 އަށެވެ. މި ވޯކްޝޮޕްގެ ޖާގައިގެ ޢަދަދަކީ 50 ޖާގައެވެ.
މީގެ އިތުރުން، ވޯކްޝޮޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމް ފުރުމަށް ފަހު ހުށަހެޅުމުން އެކަން ޖަމިއްޔާގެ ފަރާތުން އަންގާނެ ކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ. އަދި މި ވޯކްޝޮޕްގެ ބައިވެރިން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާ ދައްކަންޖެހެއެވެ.
މި ވޯކްޝޮޕްގައި ވީހާވެސް ގިނަ ކަނބަލުން ބައިވެރިވެ، އިލްމީ މަންފާ ހާސިލުކުރުމަކީ ޖަމްޢިއްޔަތުއް ސަލަފުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.