ENGLISH

22 އޭޕްރީލު 2025

Advertisement

ރ.އަތޮޅުގެ ދެ ރަށެއްގެ އިޚުތިޞާޞުގެ ތެރެއަށް ފަޅުރަށްތަކެއް ރައީސް ހިމަނުއްވައިދެއްވައިފި

18 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން ދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީގެ ދެ ރަށެއްގެ އިޚުތިޞާޞުގެ ތެރެއަށް ދެ ފަޅުރަށް ހިމަނުއްވައިދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. 

ރައީސް އޮފީހުން މިއަދު ނެރުއްވި ރިޔާސީ ޤަރާރުގައި ހާމަކުރެއްވި ގޮތުގައި، ހިނގަމުންދާ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ނެރުއްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވި ރިޔާސީ ޤަރާރަށް އިޞްލާޙު ގެންނަނަވައި، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ފަޅުރަށް ހަމަޖައްސަވައިދެއްވީ ރ.މަޑުއްވަރީއާއި ރ.މީދޫގެ އިޚުތިޞާޞުގެ ތެރެއަށެވެ. 

އެގޮތުން ރ.މަޑުއްވަރީގެ އިޚުތިޞާޞުގެ ތެރެއަށް އެ އަތޮޅު އުފަލަންދޫ ހިމަނުއްވައި، ރ.މީދޫގެ އިޚުތިޞާޞުގެ ތެރެއަށް އެ އަތޮޅުގެ ތާވަތާ ހިމަނުއްވަން ރައީސް ނިންމަވާފައިވެއެވެ. 

މިނިންމެވުމަކީ އެ ދެރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމާއެކު، ރަށުގައި ކުރާ ބައެއް އިޤުތިޞާދީ މަސައްކަތްތައް ހިންގާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ ޢާންމު ޞިއްޙަތަށް އެންމެ ރަނގަޅު ގޮތްކަމަށް ފެނިވަޑައިގެން އެމަނިކުފާނު އެ ދެ ރަށު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅެއްގެ ދަށުން ނިންމެވި ނިންމެވުމެކެވެ. 

އެމަނިކުފާނު އެ ރަށްރަށުގެ ރައްޔިތުންނަށް އެ ވަޢުދުވެވަޑައިގެންނެވިއިރު އެ ރަށްތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުންނަންނެޖެހޭ ހުރިހާ ތަންތަނެއް ރަށުން ބޭރަށް ބަދަލުކުރުމަށް ރައީސްވަނީ ދެ ރަށުގެ ރައްޔިތުން އަރިހުން އެދިވަޑައިގެންފައެވެ. 

ރައީސްކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ރައީސް ޑރ.މުޢިއްޒު ގެންދަވަނީ ރަށްރަށުގެ ރައްޔިތުން އަރިހަަށް ޒިޔާރަތްކުރައްވައި އެމީހުންނަށް އެންމެ ބޮޑަށް ބޭނުންވެފައި ހުންނަ ކަންކަން ބައްލަވައި އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު