ENGLISH
11 އޭޕްރީލު 2025
ޕާމާގެ ކޯޗުގެ މަގާމަށް ކިވޫ ހަމަޖައްސައިފި
18 ފެބްރުއަރީ 2025
|
ކިވޫ، ޕާމާ އާއެކު އެއްބަސްވުމުގައި ސޮއިކުރަނީ. --ފޮޓޯ: ފުޓްބޯލް އިޓާލިއާ
އިޓާލިއަން ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ޕާމާގެ ކޯޗުގެ މަގާމަށް ރުމޭނިއާ އާއި އިންޓަރ މިލާންގެ ކުރީގެ ޑިފެންޑަރު، ކްރިސްޓިއަން ކިވޫ ހަމަޖައްސައިފިއެވެ.
ޕާމާގެ ކޯޗުގެ މަގާމު ހުސްވީ، އެ ޓީމުން ނެރުމުންދިޔަ ދަށް ނަތީޖާތަކުގެ ސަބަބުން ކުރިން އެ މަގާމުގައި ހުރި ފަބިއޯ ޕެކްޔާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
އުމުރުން 44 އަހަރުގެ ކިވޫ، ވަނީ ޕާމާ އާއެކު 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޕާމާ އަކީ ކިވޫގެ ކޯޗިންގ ކެރިއަރުގައި ކުރިމަތިލާ ފުރަތަމަ ސީނިއާ ރޯލެވެ. މީގެކުރިން، އޭނާ ވަނީ 2018 އިން 2024 ގެ ނިޔަލަށް އިންޓަރގެ ޔޫތު ޓީމުތަކަށް އިރުޝާދު ދީފައެވެ.
ކިވޫގެ އިރުޝާދުގެ ދަށުން ޕާމާ ކުޅޭ ފުރަތަމަ މެޗަކީ އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ބޮލޯނިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.
މި ވަގުތު ލީގުގެ 18 ވަނައިގައި އުޅޭ ޕާމާ ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވެފައެވެ. އެ ޓީމަށް މި އަހަރުގެ ތެރޭގައި ލީގުގައި މޮޅެއް ނުލިބެއެވެ.