ENGLISH

22 އޭޕްރީލު 2025

Advertisement

ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވެވި ކަމަށް ފެތުރި ޚަބަރު ސަރުކާރުން ދޮގުކުރައްވައިފި

18 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ރަޢީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު. 'އަދަދު ނޫހުން' ގެނެސްދިން ޚަބަރެއް ސަރުކާރުން މިއަދު ވަނީ ދޮގުކުރައްވާފަ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކިކޮށްފި ނަމަ، ނުވަތަ މެމްބަރަކު ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް، ޤާނޫނުއަޞާސީއަށް ގެނައި އިޞްލާޙް ބާޠިލްކުރަން ބ. ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް ޢަލީ ޙުސައިން ކޯޓަށް ހުށަހެޅުއްވި މައްސަލަ ނުބެލޭނެކަމަށް ބުނެ، ދައުލަތުން ހުށަހެޅި އިޖުރާޢީ އިޢުތިރާޒާ މެދު ފަހުން ގޮތެއް ނިންމައި އެ މައްސަލައިގެ ޝަރީޢަތް ކުރިއަށްގެންދަވަން ސުޕްރީމް ކޯޓުން ނިންމެވުމާއި ގުޅިގެން، ސަރުކާރުން ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވެވި ކަމަށް 'އަދަދު' ނޫހުގައި ގެނެސްފައިވާ ޚަބަރު ސަރުކާރުން ދޮގުކުރައްވައިފިއެވެ.

އެ ޚަބަރު ދޮގުކުރައްވައި ރަޢީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު 'އެކްސްގައި' ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް" އެ ސުރުޚީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"އެއްވެސް ސައްޙަކަމެއް ނެތް މިފަދަ ދޮގު މަޢުލޫމާތެއް، ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން" ހީނާ ވިދާޅުވެފައިވެއެވެ.

ޙަޤީގަތް ނުބަލައި ފެތުރި ދޮގު ޚަބަރާއި ގުޅިގެން "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ" ކަމަށް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ގޮނޑި ގެއްލޭ މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، ޤާނޫނުއަޞާސީއަށް، އިޖުރާޢަތުގެ ތެރެއިން އުޞޫލާ އެއްގޮތަށް ގެންނަ އިޞްލާޙުތަކުގެ މައްސަލަ އެއްވެސް ކޯޓަކަށް ބެއްލެވޭނެކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އެ އޮފީހުން ވިދާޅުވީ ސުޕްރީމް ކޯޓަށް ބެއްލެވޭނީ ޤާނޫނުއަޞާސީ މާނަކުރެއްވުމާއި ގުޅޭގޮތުން ހުށަހަޅުއްވާ ދުސްތޫރީ މައްސަލަތައް ނުވަތަ ޤާނޫނުއަޞާސީއާ ޚިލާފުވާކަމަށް ވިދާޅުވެ ހުށަހަޅުއްވާ މައްސަލަތައް އެކަނި ކަމަށެވެ.

ބަންޑަރަ ނައިބު އޮފީހުގެ ފަރާތުން އެގޮތަށް ވަކާލާތު ކުރެއްވި ނަމަވެސް، ސުޕްރީމް ކޯޓުގެ ބެންޗުން ނިންމެވީ އެމައްސަލަ މިވަގުތު ކުރިއަށް ގެންދެވުމަށެވެ. އަދި، އެ މައްސަލައިގައި ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން ވަނީ 10 ދުވަސް ދައުލަތަށް ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު