ENGLISH

22 އޭޕްރީލު 2025

Advertisement

އިޤްތިޞާދީ ކުރިއެރުން ރަނގަޅުކަމަށް ޤަބޫލުކުރަން: ސަޢީދު

18 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރާއްޖޭއަށް މިވަގުތު އަންނަމުންދާ އިޤްތިޞާދީ ކުރިއެރުން ރަނގަޅުކަމަށް ޤަބޫލުކުރައްވާކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިސަރުކާރަށް ވާރުތަވި ޙާލަތަށް ބަލާއިރު މިއަދު ލިބެމުންދާ ކުރިއެރުންތަކާމެދު ހިތްޕުޅު ހަމަޖެހޭކަމަށެވެ. މާލީ ވުޒާރާއިން މިއަހަރު ރާއްޖޭގެ އިޤްތިޞާދަށް 6.4%ގެ ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރައްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކަން އެގޮތަށް ކުރިއަށްދާކަމަށެވެ.

އަދި މިދިޔަ ސަރުކާރަށް އެކަން އެގޮތަށް ނުކުރުމަށް އެތައް ފަހަރަކު މަޖިލީހުން ނަސޭހަތްދެމުން ދަނިކޮށް 8000 މިލިޔަން ރުފިޔާ ޗާޕުކޮށްގެން ބާޒާރަށް ނެރުމާއި ދައުލަތް 123-125 ބިލިޔަން ރުފިޔާއިން ދަރާފަ އޮތުމާއި ސަރުކާރު ހިއްސާވާ ގާތްގަނޑަކަށް ހުރިހާ ކުންފުންޏެއް 9 ބިލިޔަން ރުފިޔާއާއި ގާތްކުރާ އަދަދަކަށް ދަރާފައިވުން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ ދަރަނިތައް ގުޅިފަހުރީ އާމްދަނީ ލިބޭނެ ވަސީލަތްތަކަކާ ނޫންކަމަށާއި މިދަރަނިތައް ގުޅިފައިވަނީ ސަރުކާރު ހިންގުމުގެ ޚަރަދުތަކާ ކަމަށެވެ.

މިހުރިހާކަމަކަށް ބަލާއިރު މިވަގުތު އަންނަމުންދާ ކުރިއެރުމާމެދު ހިތްޕުޅުހަމަޖެހޭ ކަމަށާއި މިސަރުކާރު މިހާހިސާބަށް އައި އިރު ނުދަރާ އޮތުމަކީ ރައީސް ޑރ. މުޢިއްޒުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގަ އިޤްތިޞާދީ ގޮތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިލިބޭ ކުރިއެރުން ހަމަ ފުދޭވަރަކަށް ރަނގަޅުކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެހެންނަމަވެސް މާލީ ޙާލަތްތަކެއް އަޅުގަނޑުމެންނަށް ވާރުތަވި ބޮޑެތި މައްސަލަތަކެއް އެބަހުރި. އޭގެތެރޭގަ 8000 މިލިޔަން ރުފިޔާ ޗާޕުކޮށްފަ ބާޒާރަށް ނެރެފައޮތް މައްސަލަ އަދި 123 ނުވަތަ 125ހަކަށް ބިލިޔަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތްއިރުގަ ނިމިދިޔަ ސަރުކާރު އޭގެ ގާތްގަނޑަކަށް 60ހަކަށްވުރެ ގިނަ ޕަސަންޓު ހިއްސާ މިކުރަނީ. އެ ލޯނުތައް ގުޅިފަހުރީ އާމްދަނީ ލިބޭނެ ވަސީލަތްތަކަކާ ނޫން. ހާއްސަ ގޮތެއްގަ ރިކަރެންޓް އެކްޕެންޑިޗަރ ނުވަތަ ސަރުކާރު ހިންގުމުގެ ހަރަދުތަކާ ވަރަށް ބޮޑަށް ގުޅިފަހުރީ. އެހެންވީމަ މިގޮންޖެހުންތައް ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެމަނިކުފާނަށް ވާރުތަވި ކަންތައްތައް މިއީ. އަނެއްކާ ސަރުކާރުގެ ކުންފުނިތައް ގާތްގަނޑަކަށް 9 ބިލިޔަނާ ގާތްކުރާ އަދަދަށް ދަރާ މިއޮތީ. ހުރިހާ ކުންފުނިތަކެއް ކަހަލަ ގޮތަކަށް. އެހެންނަމަވެސް އަޅުގަނޑު އަދިވެސް ތަކުރާރުކޮށް މިދަންނަވަނީ މިހިސާބަށް އައިއިރު ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އެމަނިކުފާނު ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖެ ނުދަރާ ސަލާމަތްވުން."

ރާއްޖޭގައި ފަށާފައިވާ އިންޓަރނޭޝަނަލް ބަންކަރިންގ ގެ ޚިދުމަތަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ މިހާތަނަށް އައި އިރު ބަންކަރިންގގެ ދެ ޝިޕްމަންޓެއް ލިބިފައިވާކަމަށާއި ތިންވަނަ ޝިޕްމަންޓެއްގެ މަސައްކަތް ކުރެވެމުންދާކަމަށް އެސްޓީއޯއިން މައުލޫމާތުދެއްވާ ކަމަށެވެ. އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަސައްކަތުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ތައްޔާރުވަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ކަސްޓަމްސްއާއި އިމިގްރޭޝަންގެ އިތުރުން ބޯޑަރުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކާއެކު ރާއްޖޭގެ އުތުރުގައި އޮފްޕޯޓް ބަންކަރިންގ އޭރިޔާއެއް ޤާއިމުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވާ، ބަންކަރިންގ ކާގޯ ބަހައްޓާ ސަރަހައްދަކީ އެއީކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގައި އުފެއްދޭނެ މުދާތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން މިހާރުވެސް 13 ބާވަތެއްގެ މުދާ ރާއްޖޭގައި އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު