ENGLISH
22 އޭޕްރީލު 2025
ރޯދަ މަހު ތަކެތީގެ އަގުބޮޑު ކުރާނަމަ، ރިޕޯޓު ކުރެވޭ ނިޒާމެއް ޤާއިމުކުރަނީ
18 ފެބްރުއަރީ 2025
|
އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އަންނަ ރޯދަ މަހު އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް އެއްޗެއް ބޮޑު އަގުގައި ވިއްކާނަމަ، އެކަން ރިޕޯޓުކުރުމަށް ޚާއްސަ ނިޒާމެއް ޤާއިމުކުރައްވާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑުން ވިދާޅުވެއްޖެ އެވެ.
ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަ ކުރަން ނުވަތަ އަގު އިތުރަށް ބޮޑުވެގެން ދިޔަނުދީ ހިފަހައްޓާނެ ސިޔާސަތުތަކެއް އެކުލަވާލެއްވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންގެވީ މިދިޔަ އަހަރެވެ. ކުރިއަށް އޮތީ ރޯދަ މަހަށްވާއިރު، އެ މަހު އާއްމުކޮށް ގޭބިސީތަކުގައި ބޭނުންކޮށް އުޅޭ ތަކެތި ދެނެގަނެ، އެތަކެތީގެ އަގު ހިފެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވެސް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
ރައީސް އޮފީހުގައި އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެމެހެއްޓެނިވިގޮތެއްގައި އަސާސީ ބާވަތްތަކުގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ނޫސްވެރިންނަށް ދައްކާލާފައިވެ އެވެ.
މި މަސައްކަތުގެ ދަށުން މިނިސްޓްރީން މިހާރު ވަނީ އަސާސީ ބާވަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ތަކެތީގެ ލިސްޓެއް އެކުލަވާލާފަ އެވެ. 141 ބާވަތެއް ހިމެނޭ އެ ލިސްޓުގައި 32 އައިޓަމްއަކީ ކްރިޓިކަލް އައިޓަމްގެ ގޮތުގައި ކަނޑައަޅާފައިވާ ތަކެއްޗެވެ.
މި ލިސްޓުގައި ހިމެނޭ އެއްވެސް އެއްޗެއްގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް މޮނީޓާކުރުމަށް ނިންމާފައިވާއިރު އަގުތައް ސްޓޭބަލައިޒް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ވިދާޅުވި ގޮތުގައި، އެސްޓީއޯ މެދުވެރިކޮށެވެ. މިކަން މިނިސްޓްރީން ކުރާނީ ބާޒާރުގައި ތަކެތީގެ ސަޕްލައި މަދުނުވާނެ ވަރަށް ހިފެހެއްޓުމަށް އެ ކުންފުނި މެދުވެރިކޮށް ސްޓޮކް ގެނެސްގެންނެވެ. ޚާއްސަކޮށް ކުރިއަށް ރޯދަ މަހު މިކަމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް އެއްޗެއްގެ އަގު ބޮޑުވެއްޖެނަމަ، އެކަން ރިޕޯޓު ކުރެވޭނެ ނިޒާމެއް ތައާރަފްކުރެއްވުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވި އެވެ.
" ރަމަޟާން މަހަށް ޚާއްސަކޮށް އެބަ އިންޓްރޮޑިއުސްކުރަން ސިސްޓަމެއް، އެ ސިސްޓަމް މެދުވެރިކޮށް އަޅުގަނޑުމެން އިންސްޕެކްޝަން ޓީމް އެކަންޏެއް ނޫން، އާއްމު ރައްޔިތުންނަށް ވެސް އަޅުގަނޑުމެންނަށް ރިޕޯޓުކުރެވޭނެ އަސާސީ ކާބޯތަކެތީގެ އަގު ބޮޑުވެއްޖެ ނަމަ." މިނިސްޓްރީން ވިދާޅުވި އެވެ.