ENGLISH

22 އޭޕްރީލު 2025

Advertisement

ޝަރުޢީ ދާއިރާއާއި މިނިވަން މުއައްސަސާތަކުގެ މުސާރަ ކުޑަކުރެވެން ނެތްކަމަށް ރައީސަށް ލަފާއަރުވަން ކޮމިޓީން ނިންމައިފި

18 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިނިވަން މުއައްސަސާތަކާއި ޝަރުޢީ ދާއިރާއާއި ރައްޔިތުންގެ މަޖިލީހުގެ މުސާރަތައް ކުޑަކުރުމާމެދު މަޖިލީހުގެ ލަފައެއް ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވި މައްސަލާގައި އެ ތަންތަނުގެ މުސާރަތައް ކުޑަކުރުމަކީ މިވަގުތު ކުރެވިދާނެ ކަމެއް ނޫންކަމަށް ލަފާ އެރުވުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. 

މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް އެދިވަޑައިގެންފައިވަނީ 12،000 ރުފިޔާއަށް އަށް ވުރެ މަތިން އަސާސީ މުސާރަ ލިބިވަޑައިގަންނަވާ މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމަށެވެ.

ހަމައެއާއެކު، ޝަރުއީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް މަޖިލީހަށް ފެންނަކަމަށްވާނަމަ، އެކަން ވެސް ހުށަހަޅައިގެން ނިންމަވާ ގޮތެއް އަންގަވައިދިނުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

އެ މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސަރުކާރު ހިންގަވާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ފުނަދޫ ދާއިރާގެ މެންބަރު މުޙައމަދު މަމްދޫޙު (މަންޑޭ) ވިދާޅުވެފައިވަނީ ގިނަ މުސްތަޤިއްލު އަދި މިނިވަން މުއައްސަސާތަކުގެ މުސާރަތަކަށް ބަދަލެއް ގެނެވޭނީ ޤާނޫނުތަކަށް ބަދަލުގެނެސްގެން ކަމަށެވެ. އަދި މުއައްސަސާތަކުގެ މުސާރަތަކުގައި އެއް ހަމައެއް ހިފަހެއްޓުމަކީ ކޮމިޓީގެ ޒިންމާއެއްކަމަށްވާއިރު ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ނުގެނެސް މުސާރަ ބަދަލުކުރެވޭ މުއައްސަސާތަކުގެ މުސާރަ އެކަނި ބަދަލުކުރަމަކީ ޢަދުލުވެރި ގޮތަކަށްނުވާނެ ކަމަށެވެ. 

"ގިނަ މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މުއައްސަސާތަކުގެ އަސާސީ މުސާރައިން ދިހަ ޕަސެންޓު އުނިކުރެވޭނީ ގުޅުންހުރި ޤާނޫނުތަކަށް ބަދަލުގެނެސްގެން ކަމުންނާއި، އަދި އެއް ގިންތިއެއްގެ މަޤާމުތަކުގެ މުސާރަތައް އެއް ހަމައެއްގައި ހިފަހެއްޓުމަކީ ކޮމިޓީގެ ޒިންމާއަކަށްވާއިރުގައި ޤާނޫނުތަކަށް ބަދަލުނުގެނެސް މުސާރަތަކަށް ބަދަލުގެނައުމަށް ކޮމިޓީން ނިންމުމަކީ އިންސާފުވެރި ޢަދުލުވެރި ގޮތެއް ނޫންކަމަށް ކޮމިޓީއަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޝަރުޢީ ދާއިރާގެ އިސްވެރިންނާއި މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކާއި ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭ އެހެނިހެން މަޤާމުތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރަން ނުފެންނަކަމަށް ރައީސުލްޖުމްހޫެރިއްޔާއަށް ލަފާދިނުމަށް،" ކޮމިޓީގެ ނިންމުން އޮންނަންވީ ގޮތް ހުށަހަޅުއްވަމުން މެންބަރުން މަމްދޫޙު ވިދާޅުވިއެވެ. 

އޭގެ ބަދަލުގައި މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިޔާ ކައުންސިލު އެއްކޮށްލައިގެން ޚަރަދުތައް ކުޑަކުރެވޭނެ ކަމުގައި ކޮމިޓީއަށް ފެނިވަޑައިގަންނަވާކަމަށާއި، އަދި އެނޫނަސް އެއްކޮށްލައިގެން ސިނާޖީ ޙާސިލުކުރެވޭ ގޮތަށް ހުރި މުއައްސަސާތައް އެއްކޮށްލުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެނައުމަކީ ޚަރަަދު ކުޑަކުރުމުގައި އެެދެވޭ ނަތީޖާއެއް ނެރެވޭކަމެއް ކަމަށް ކޮމިޓީން ރައީސަށް ލަފާއެރުވުމަށް މަމްދޫޙު ހުށަަހެޅުއްވިއެވެ. 

މަމްދޫޙު ހުށަހެޅުއްވި ގޮތަށް މިއަދު ކޮމިޓީންވަނީ އެ މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން އެކުލަވައިލި ރިޕޯޓު މިއަދު ފާސްކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު