ENGLISH
22 އޭޕްރީލު 2025
ބޭހުގެ ދަތިކަން ޙައްލުކުރެއްވުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ރައީސް ނިންމަވައިފި
18 ފެބްރުއަރީ 2025
|
ބޭސް ލިބުމުގައި ހުރި ދަތިތައް ޙައްލުކުރެއްވުމަށްޓަކައި އާސަންދައިގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ނިޒާމަށް ގެންނަވަން ރައީސް ނިންމަވާފައިވާ ބަދަލުތަކަކީ، އާސަންދައިން ބޭހަށް ކުރާ ޚަރަދުތައް ކުޑަކުރެއްވުމާއެކު، އަދި ބޭސް ހޯދުމުގައި ރައްޔިތުންނަށް ދައްޗެއް ނުވަތަ މާލީ ތަކުލީފެއް ކުރިމަތިނުވާނެކަން ކަށަވަރުކުރެއްވުމަށް ނިންމެވި ނިންމެވުންތަކެކެވެ.
އާދީއްތަދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ނިންމަވާފައިވަނީ ރާއްޖޭގައި ޑޮކްޓަރުން ބަލިމީހުންނަަށް ދޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމުކުރެއްވުމަށެވެ.
އޭގެ އިތުރަށް ފަރުވާދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިންތައް އެކުލަވައިލެއްވުމަށާއި، އެސްޓީއޯއިން ލިބެން ހުރި ބޭސްތައް ފެންނާނެ ގޮތަށް މިހާރު ތައްޔާރުކުރައްވަމުންދާ ޑޭޝްބޯޑު ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް ނިންމަވާފައިވެއެވެ.
ގެންނަވަން ރައީސް ނިންމެވި އިތުރު ބަދަލުތަކުގެ ތެރޭގައި:
- މި ބަދަލަށް (ޕޮއިންޓް 4 އަދި 5) ޑޮކްޓަރުން އަހުލުވެރިކުރުވުން.
- އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސް.ޓީ.އޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- އާސަންދަ އެމްޕެނަލްކޮށްފައިވާ ރާއްޖެއިން ބޭރު ހޮސްޕިޓަލުތައް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމަށް ބޭނުންވާ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ އުސޫލުތަކުގެ ތެރެއިން އެސް.ޓީ.އޯ އަށް ލިބޭނެ ގޮތް ހަމަޖެއްސުން. މިކަމުގެ ދާއިމީ ޙައްލެއްގެ ގޮތުން، އެސް.ޓީ.އޯ އިން ސީދާ ބޭސް އުފައްދާ ފަރާތްތައް (މެނުފެކްޗަރަރ) މެދުވެރިކޮށް ބޭސް ގެނެވޭނެ ނިޒާމެއް ގާއިމުކުރުން
- މާލޭގައި ގާއިމުކުރުމަށް ނިންމަވާފައިވާ 4 ޖީ.ޕީ ކްލިނިކުން އެސް.ޓީ.އޯ ގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. އަދި މި ނިޒާމު ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމުކުރުމާއި ރަށްރަށުން ލިބެން ނުހުންނަ ބޭސްތައް ބަލިމީހާ އެދުމުން އެސް.ޓީ.އޯ އިން އެ މީހާއަށް ބޭސް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުން.
- ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމަށް ކުރެވޭ މަސައްކަތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދައުރު ފުޅާކުރުން.
- ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅުމުން، އެ މައްސަލަތައް ބައްލަވައި، ފިޔަވަޅު އެޅުމުގައި ލަސްވާ މައްސަލަ ޙައްލުކުރުން.
- އިންޕޭޝަންޓުންނަށް ހޮސްޕިޓަލުތަކުން (އެސް.ޓީ.އޯ މެދުވެރިކޮށް) ބޭސް ލިބޭނެ ގޮތް ހަމަޖެއްސުން.
- އެތެރެ ކުރެވޭ ކޮންމެ ބޭސް ގުޅައެއް ޓްރޭސްކުރެވޭނެ ގޮތަށް، އެމް.އެފް.ޑީ.އޭ. ގައި ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމާއި ބޭސް ސިޓީން ޕޭޝަންޓަށް ބޭހުގެ އެވެއިލަބިލިޓީ އަދި ހުރި ތަން އެނގޭނެ ގޮތް ފަހިކުރުން.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސް ނިންމަވާފައިވާ ގޮތަށް މި ބަދަލުތައް ސަރުކާރުން ގެންނެވުމުން އާސަންދަ މެދުވެރިކޮށް ބޭހެއް ހޯދުމުގައި ރައްޔިތުންނަށް ދައްޗެއް މާލީ ގޮތުން ބުރައެއް ތަހައްމަލުކުރަން ނުޖެހޭނެކަން ކަށަވަރުވެގެންދާނެއެވެ.